ދުވާލަކު ގާތްގަނޑަކަށް 10،000 މީހުން ސިނަމާލެ ބުރިޖު ހުރަސް ކުރާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ.
ޗައިނާ އެމްބަސީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 30 އޮގަސްޓް 2018 ގައި ސިނަމާލެ ބުރިޖު ހުޅުވި ފަހުން ގާތްގަނޑަކަށް ކޮންމެ ދުވަހަކު 10،000 މީހުން ބުރިޖު މަތިން ދަތުރު ކުރަމުންދާ ކަމަށެވެ.
އެންބަސީން ބުނީ ބުރިޖް އެޅުމަށް ހެދި ޕްލެޓްފޯމްތައް ވެސް މިހާރު ނަގާފައިވާ ކަމަށާއި، އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.
ޗައިނާ އެމްބަސީން ބުނީ ބުރިޖުގެ މެއިންޓެނެންސް މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ދެ އަހަރުވަންދެން ބުރިޖުގެ މެއިންޓެނެންސް މަސައްކަތްކޮށް، ބަލަހައްޓާނެ ކަމަށެވެ.
މި ދެ އަހަރު ދުވަހު ބުރިޖުގެ އޮޕަރޭޝަން މަސައްކަތްތައް ބަލަހައްޓާނެކަން ފާހަގަކޮށް ޗައިނާ އެމްބަސީން ބުނީ މި މުއްދަތުގައި ބުރިޖް ބެލެހެއްޓުމާއި މެއިންޓަނަންސްގެ މަސައްކަތް ދިވެހިންނަށް ދަސްކޮށްދޭނެ ކަމަށްވެސް ޗައިނާ އެމްބަސީން ބުނެއެވެ.