އެއްހާހަށްވުރެ ގިނަ މީހުން ބައިވެރިވި ޒީރޯ ޕްލާސްޓިކް ރަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިންސައިޓް ކޮންސަލްޓަންސީ ސަރވިސަސް (އައިސީއެސް) ގެ އިވެންޓް އެމްބެސިޑަރު ހަސަން ފަރުހާން މުހައްމަދު ވިދާޅުވީ، މި ދުވުމުން ދައްކުވައިދެނީ އެންމެ ދުވަހެއްގެ މަސައްކަތް ނޫން ކަމަށާއި، ކޮންމެ އަހަރަކު ވެސް މި ހަރަކާތް ބާއްވާ އައިސީއެސްގެ ފަރާތުން އަޑު އުފުލާނެ ކަމަށެވެ.
ދުވުން ނިންމަވާލައްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ، މި ދުވުމުގެ ސަބަބުން ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ރައްޔިތުންނަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، އެކަމަނާ މި ދުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕްލާސްޓިކް ނައްތާލުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި ކަމަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވެސް މި ދުވުމުގައި ބައިވެރިވެވަޑައިގެންފައިވާއިރު، އެމަނިކުފާނު ވިދާޅުވީ ދުވުމުން ދައްކުވައިދެނީ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުން ކަމަށާއި، މިއީ މުސްތަގުބަލުގައި ކުރިއަށް ގެންދަން ޖެހޭނެ ހަރަކާތެއް ކަމަށެވެ.
ކެބިނެޓްގެ ގިނަ ބޭފުޅުން މި ދުވުމުގައި ވަނީ ބައިވެރިވެފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވަނީ ޕްލާސްޓިކް ފެންފުޅި ހަދާ ކުންފުނިތަކުން ޒިންމާދާރުކޮށް އެކަން ކުރުމަށް ގޮވާލައްވާފައެވެ. އަދި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ރާއްޖޭގައި މިހާރު ޕްލާސްޓިކް މަދުކަން ދުވުމުގެ ތެރެއިން އެމަނިކުފާނަށް ފާހަގަކުރެވުނު ކަމަށެވެ.
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިކަހަލަ ދުވުމެއްގެ ސަބަބުން މުޖުތަމައު އަށް ވަރަށް މުހިންމު މެސެއްޖެއް ލިބިގެންދާނެ ކަމަށާއި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ކިހާ މުހިންމު ކަމެއްކަން އެނގިގެންދާނެ ކަމަށެވެ.
މި ދުވުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ދުވުމުގައި ބައިވެރިވި ޑރ. ހުސެއިން އަލީ ވިދާޅުވީ، ޕްލާސްޓިކް ފަދަ ތަކެތި މަގުމައްޗަށް ނުއުކުމުގެ ރޫހު ދުވުމުގެ ސަބަބުން ދަސްވެގެންދާނެ ކަމަށެވެ. ދުވުމުގައި ބައިވެރިވި އާންމު ފަރާތަކުން ބުނީ، މިއީ ދިވެހިން ހޭލުންތެރިކުރުވުމަށްޓަކައި ވަރަށް މުހިންމުކަމެއް ކަމަށާއި، ދުވުމުގެ ތެރެއިން ވަރަށް ބައިވަރު ޕްލާސްޓިކް ރައްކާ ކުރެވިފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ކުޑަކުދިންވެސް ބައިވެރިވި މި ދުވުމުގައި ބިދޭސީން ވެސް ވަނީ ބައިވެރިވެފައެވެ.
މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި ހުކުރު ދުވަހުގެ ހެނދުނު 08:00 އަކުން 10:30 އަކަށެވެ.
އައިސީއެސް އިން މި ހަރަކާތް ބޭއްވި މަގްސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ތަކާއިމެދު އާންމުން ހޭލުންތެރި ކުރުވުމަށެވެ.
ސަރުކާރުގެ 100 ދުވަހުގެ އަމާޒަކީ ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމެވެ. ސަރުކާރުގެ މި އަމާޒާއެކު ރާއްޖޭގެ ގިނަ ގެސްޓް ހައުސްތަކާއި ކެފޭތައް އަދި އެނޫންވެސް ތަންތަނުން ވަނީ ޕްލާސްޓިކް ނައްތާލުމުގެ މަސައްކަތް މިހާރު ފަށާފައެވެ.