މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ކެމްޕޭން ލޯންޗިން ޖަލްސާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ޓިކެޓް ކާމިޔާބުކުރި ފަރާތްތައްކަށް ޓިކެޓް ހަވާލުކުރުމަށް ބާއްވާ މި ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 9:00 ގައި ކާނިވާ ސަރަހައްދުގައެވެ.
އެ ޕާޓީން ވަނީ މި ޖަލްސާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ. މިއީ މައި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހިމެނޭ ސަރުކާރު އައި ފަހުން އެ ޕާޓީން ބާއްވާ މިފަދަ ފުރަތަމަ ބޮޑު ހަރަކާތެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭން ލޯންޗިން ޖަލްސާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު, ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި ހއ އަތޮޅުން މަޖިލީހަށް ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓުންގެ ކެމްޕެއިން ޕްރީ ލޯންޗު ކޮށްފައެވެ.
އަންން ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމައި، ޕާޓީގެ ޕްރައިމަރީ ބާއްވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަނުކުރާ ހަމައެކަނި ދާއިރާއަކީ ފ. ނިލަންދޫ ދާއިރާއެވެ. އެއީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އެއްވެސް ފަރާތަކުން ނަން ހުށަހަޅާފައި ނުވާތީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ބާކީ ހުރިހާ ދާއިރާއަކުން ވާދަކުރާނެ ކެންޑިޑުން މިހާރު ވަނީ ކަނޑައަޅާ ނިމިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް އެޕާޓީން ހަމަޖައްސާފައި ވަނީ އަހްމަދު ޝާހިދު (ސާބެ) އެވެ