ހއ. ވަނގާރަށް ވެގެންދިޔަ ގޮތް އެހެން އެއްވެސް ރަށަކަށް ވެގެންދާތަން ދެކެން ބޭނުންފުޅު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެެވެ.
ސައްލެ މިހެން ވިދާޅުވީ، ސައްލެގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށާއި، އެމްޑީޕީން ހއ. އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ އެހެން ކެނޑިޑޭޓުންގެ ކެންޕެއިން ހަރަކާތްތައް ޕްރީ-ލޯންޗް ކުރުމަށް ބުރާސްފަތި ދުވަހުގެރޭ ހޯރަފުށީގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދަވަމުންނެވެ.
ސައްލެ ވާދަކުރައްވާ ދާއިރާއަށް ނިސްބަތްވާ ރަށެއްގެ ގޮތުގައި ރާއްޖޭގެ އެންމެ އުތުރުން އޮންނަ ތުރާކުނާއި ޖެހިގެން އޮތް ފަޅުރަށް، "ވަނގާރު" މިސާލަކަށް ނަންގަވަމުން ސައްލެ ވިދާޅުވީ، އެއްދުވަސްވަރެއްގައި ވަނގާރަކީ މުޅި ސަރަހައްދުގެ ވިޔަފާރީގެ ބަނދަރު ކަމަށެެވެ. އެއް އިރެއްގައި އެރަށުގައި ބޮޑެތި ވިޔަފާރިވެރިން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، މިއަދު އެރަށް ފަޅުވެފައިވާކަން ސައްލެ ފާހަގަކުރެއްވިއެވެ.
ހަމައެއާއިއެކު އެދާއިރާގައި ހިމެނޭ އުލިގަމަކީވެސް ވަރަށް ތާރީޚީ، ފަޚުރުވެރި ރަށެއް ކަމަށާއި، "ރައްޔިތަކު" އެރަށެއްގައި ދިރިއުޅުމައްޓަކައި އެތައް ބުރަ މަސައްކަތްތަކެއް ކުރި ރަށެއް ކަމަށެވެ. އަދި އެރަށް އެތައް ފަހަރަކު ފަޅުވެގެން ދިޔަކަން ތާރީޚުން އެނގެން އޮތްކަމަށް ސައްލެ ވިދާޅުވިއެވެ. އެގޮތުން އެރަށުގައި ހުރި ބައެއް އާސާރީ ތަންތަނުން އެކަމުގެ ހެކި މިހާރުވެސް ފެންނަން ހުރިކަން ސައްލެ ފާހަގަކުރެއްވިއެވެ. އެރަށުގައި އެތައް ފަހަރަކު ރައްޔިތުން އާބާދުވުމަށް ހިންމަތްކުރިކަން އެ ނިޝާތަކުން ދޭހަވާކަމަށްވެސް ސައްލެ ވިދާޅުވިއެވެ.
ހޯރަފުށި ދާއިރާގައި ހިމެނޭ ތުރާކުނަކީވެސް ހެޔޮވަރު އާބާދީއެއް އޮތް ތަނަވަސް ފަޚުރުވެރި ބައެއް ދިރިއުޅުނު ރަށެއްކަން އެނގެން އޮތްކަމަށް ވިދާޅުވަމުން ސައްލެ ވިދާޅުވީ، މިރައްތަކުގެ މިއަދުގެ މަންޒަރާއި، އޭރާއި އަޅައި ކިޔާލުން ރަނގަޅު ކަމަށެވެ.
އުފަން ރަށް ކަމުގައިވާ ހޯރަފުއްޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ، ހޯރަފުއްޓަކީ، ފަޚްރުވެރި ޚިދުމަތްތެރި ކާބަފައިންތަކެއް ދިރިއުޅުނު ރަށެއް ކަމަށެވެ.
"މުޅި ރާއްޖެ ސިއްސުވާލި ފަންނުވެރިން ދިރިއުޅު ރަށެއް އަޅުގަނޑުމެންގެ ރަށަކީ. އެކަމަކު އެ ހުރިހާ ޚިދުމަތެއް ކާބަފައިން ކުރަމުން ދިޔައީ ސަރުކާރުން މާބޮޑު މަދަދުވެރިކަމެއް، އެހީތެރިކަމެއް ދީގެނެއް ނޫން. ކުރިއެރުމާއި ތަރައްގީއާއި ރީތިނަން ރަށަށް ހޯދައި ދިނުމަށްޓަކައި އޮތް ފަޚްރުވެރި އަޒުމެއްގެ ސަބަބުން އެ ކާބަފައިން ހޯދި ރީތި ނަމެއް އެއީ"، ސައްލެ ވިދާޅުވިއެވެ.
މުޅި ރާއްޖެެއަށް މަޝްހޫރު ހޯރަފުށީ "ފަންކާ"ގެ ވާހަކަ އާއި، 1950 ގެ އަހަރުތަކުގައި މަޝްހޫރުވި ގަޑިއެއް އުފެއްދި ވާހަކައިގެ އިތުރުން ކުޅަދާނަ މާލިމީ، "އިދުރީސް މާލިމީގެ" ވާހަކައަށް އަލި އަޅުއްވާލައްވާ ސައްލެ ވިދާޅުވީ، އެއީ ހައްތަހާވެސް ހޯރަފުށީގެ ފަޚުރުވެރި ދަރިންނާއި އެ ދަރިންގެ މަަސައްކަތް ކަމަށެެވެ.
1950 ގައި އުފެއްދި ގަޑީގެ މޮޅުކަމުގެ ވާހަކައިގެ މައްޗަށް އަލި އަޅުވާލައްވާ ސައްލެ ވިދާޅުވީ، އެއީ ހަގީގީ އުފެއްދުމެއްތޯ ބެލުމަށް އެތަށް ބަހުސެެއް ކުރެވި، މާހިރުންލައްވާ ގަޑީގެ އެތިކޮޅުތައް ވަކިވަކިން ބެލުމަށްފަހު، އެއީ ސީދާ 100 ޕަސެންޓް ހޯރަފުށީގެ އުފެއްދުމެއްކަމަށް ސަރުކާރުން ނިންމެވި ކަމަށެވެ.
ގަޑިއާއި ފަންކާގެ ވާހަކައިން މިސާލު ނަންގަވަމުން ސައްލެ ވިދާޅުވީ، އެފަދަ ފަޚުރުވެރި ފަސްގަނޑެެއްގެ ރައްޔިތުން މަޖިލީހުގައި ތަމްސީލު ކުރަން ޖެހޭނީވެސް އެތާރީޚާއި ފަޚްރު އިހްސާސު ކުރެވޭ މީހަކު ކަމަށެވެ. އަދި އޭރުން އެ ގޮނޑި ވެގެންދާނީ ފަޚްރުވެރި ގޮނޑިއަކަށް ކަމަށް ސައްލެ ވިދާޅުވިއެވެ.
ހޯރަފުށީގެ ދާއިރާގެ ތިން ރަށަކީ ސަރުކާރުތަކުން އެންމެ ބޮޑަށް އިހާނެތިވެފައި އޮތް ތިން ރަށްކަން ފާހަގަކުރެއްވައި ސައްލެ ވިދާޅުވީ، އެކަމުގެ ނަތީޖާ އަކަށްވީ، ރަށްތައް ފަޅުވަމުންގޮސް މީހުން އެހެން ތަންތަނަށް ހިޖުރަކުރުން ކަަަމަށެވެ.
"މާޒީގައި ކަންވީ ގޮތުން ވަނގާރަށް ވެގެންދާން އަޅުގަނޑުމެން ބޭނުމެއް ނޫން ދެން އެއްވެސް ރަށެއް. އަޅުގަނޑުމެން ބޭނުންވަނީ މިރަށުގައި ތިބެ، މާލެއިން ނުވަތަ އެންމެ ރަނގަޅު ޚިދުމަތް ލިބޭތަނަކުން އެ ލިބޭނެ ރަށަކަށް މީން ކޮންމެ ރަށެއް ވެގެން ދިއުން. އެއީ ޖަޒީރާ ރާއްޖޭގެ ތަސައްވުރަކީ"، ސައްލެ ވިދާޅުވިއެވެ.
ސައްލެ ވިދާޅުވީ، މަޖިލީހަށް ކުރިމަތިލެއްވީ ޖަޒީރާ ރާއްޖެއެއް ހޯދުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެވަޑައިގެންވި ވައުދުތައް ފުއްދެވުމަށްޓަކައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރައްވާނީ އެމްޑީޕީގެ މެޖޯރިޓީއެއް އޮތް މަޖިލީހަކުން ކަމަށް ސައްލެ ވިދާޅުވިއެވެ.