ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، މިފާއިތުވި އަހަރުތަކުގައި ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ސޯލިހު އެކަމަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތާއި އަލުން ގުޅުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، ކޮމަންވެލްތާ ގުޅުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ވަޢުދުކަން ރައީސް ސޯލިހު ފާހަގަކުރެއްވިކަންވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދުން ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި އެބޭފުޅުންނާމެދު ބެހެއްޓެވި ގާތްކަމަށާއި އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވައި، ވަފުދުގެ ބޭފުޅުން ރާއްޖެއަށް މި ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި މި ދަތުރުގައި ސަރުކާރުގެ އެކިއެކި މުހިންމު އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުވުމުން އެކަމާއިމެދު ހިތްހަމަޖެހޭކަން ފާޅުކުރައްވައިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ވަފުދުން ރައީސް ސޯލިހު ރައީސްކަމަށް ހޮވި ވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައިވާ ކަމަށާއި، ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި ގެންގުޅުއްވާ އުސޫލަށް އެބޭފުޅުން ތަޢުރީފުކުރައްވައިފައިވާ ކަމަށެވެ.