ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހއ ހޯރަފުށީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސަލީމް (ސައްލެ)ގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ހޯރަފުށީ އަތޮޅު މަދަރުސާގައި އޮތް ޖަލްސާއެއްގައި ސައްލެގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ.
އެ ޖަލްސާގައި ނަޝީދުގެ އިތުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ބައިވެރިވެވަޑައިގެންފައިވެއެވެ.
ހޯރަފުށީ ދައިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަޙުމަދު ސަލީމް އަކީ ފިޖީގެ ޔުނިވާރސިޓީ އޮފް ސައުތު ޕެސިފިކްއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޖިއޮގްރަފީއިން ރަންމެޑަލް ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާރސިޓީ އޮފް ލެންކާސްޓަރއިން ސަލީމް މާސްޓަރސް ޑިގްރީ ހާސިލު ކުރައްވާފައިވާއިރު، ތައުލީމީ ހަޔާތުގައި ސަލީމް ވަނީ ފަޚުރުވެރި އެވޯޑްތަކެއް ހާސިލުކުރައްވައި ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުވެސް ހާސިލުކުރައްވާފައެވެ.
ތައުލީމީ ގޮތުން ރަން ވަނަތަކެއް ހާސިލުކުރެއްވުމުގެ އިތުރުން ސަލީމް ވަނީ ސަރުކާރަށްވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ސަލީމް ވަނީ އެންވާރަމަންޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓަރީގެ ގޮތުގައި 4 އަހަރު ޚިދުމަތް ކުރައްވާފައެވެ. އަދި ރާއްޖޭގެ އެންމެ މަޤުބޫލު އެއް ޓީވީ ޗެނަލް ކަމަށްވާ ރާއްޖެޓީވީ ވުޖޫދަށް ގެނެސްދެއްވާފައިވަނީވެސް އަޙުމަދު ސަލީމެވެ.
ސަލީމްގެ އިތުރުން ހއ އަތޮޅުން މަޖިލީހަށް ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓުންގެ ކެމްޕެއިން ޕްރީ ލޯންޗު ކުރުންވެސް އެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ބާރަށު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް އަޙުމަދު އަބްދުﷲ އާއި، ކެލާ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް އިބްރާހިމް ޝަރީފާއި، ދިއްދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް އަބްދުﷲ ވަހީދާއި، އިހަވަންދޫ ދައިރާގެ އެމްޑީޕީ ކެނޑިޑޭޓް މުހައްމަދު ޝިފާއުގެ ކެމްޕެއިން ކުރިޣެ ރައީސް ނަޝީދު ވަނީ ޕްރީ ލޯންޗް ކޮށްދެއްވާފައެވެ.