ކުރިން ރައީސްކަން ކޮށްފައިވާ ފަރާތަކަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ހުށައެޅި އިސްލާހާ ރައީސް މައުމޫނު ދެކޮޅު ކަން ހާމަކުރައްވައިފިއެވެ.
ސޯލްޓް ކެފޭގައި ރައީސް މައުމޫނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ އިސްލާހަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ސަބަބަކީ އެއީ ގާނޫނުއަސާސީއާ ޚިލާފުވާ އިސްލާހަކަށް ވާތީ ކަމަށެވެ. އަދި ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން ވާދަކުރެވޭ އިސްލާހާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޕްރައިމަރީގައި ވާދަކޮށް ބަލިވާ ފަރާތަކަށް އަލުން ވާދަކުރެވޭނެތޯ ނުވަތަ ނޫންތޯ އެއީ ބަހުސްކުރެވޭނެ މައްސަލައެއް ކަމަށެވެ.
"ޚިާލު ތަފާތު މައްސަލައެއް. އެކަމާ ދޭތެރޭ އަދި އަޅުގަނޑު ގޮތެއް ނިންމާފައެއް ނެތް،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ކުރިން ރައީސްކަން ކޮށްފައިވާ ބެފުޅަކަށް މަޖިލީހަށް ކުރިމަތި ނުލެއްވޭ ގޮތަށް ހުށައެޅި އިސްލާހު މަޖިލީހުން ފާސްވި ނަމަވެސް އެ ގާވާއިދު ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެސް ވަނީ ވިދާޅުވެފައެވެެ.
ރާއްޖޭގެ ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅަކަށް މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަބުދުއް ލަތީފު އިސްލާހެއް ހުށަހެޅުއްވި އިސްލާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާއި ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާކޮށްގެން ހުށަހެޅި އިސްލާހެއް ނޫންކަން ވަނީ ހާމަކޮށްފައެވެ. އަދި އެ އިސްލާހު އަނބުރާ ނެންގެވުމަށް އެމްޑީޕީން ވެސް އެދުނެވެ. އެހެންނަމަވެސް މީހާތަނަށް ވެސް އެ އިސްލާހު އަނބުރާ ނަގާފައެއް ނުވެއެެވެ.