ހަތަރު ލީޑަރުންގެ ބައްދަލުވުމެއްގެ ދައުވަތަކަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ ސިޔާސީ ޕާޓީގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަހަކު އެއް ފަހަަރު ބޭއްވުމަށް ނިންމާފައިވާ ހަތަރު ލީޑަރުންގެ ބައްދަލުވުމެއްގެ "ދައުވަތެއް" ގެ އިންތިޒާރުގައި އެ މަނިކުފާނު ހުންނެވި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ މަހަކު އެއްފަހަރު ބޭއްވުމަށް ނިންމަވާފައިވާ ލީޑަރުންގެ ބައްދަލުވުން މި މަހު ބޭއްވިފައި ނުވާތީ އެކަމާ އެކި ފަހަރު މަތިން ރައީސް ސޯލިހުއާ ސުވާލުކުރައްވާފައިވާ ކަމަށެވެ. ރައީސް ސޯލިހު ވެސް ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން މި ފާއިތުވި ހަފްތާ ބަންދަށް ފަހު ލިޑާރުންގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ މަނިކުފާނު އިންތިޒާރުކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހު ލީޑަރުންގެ ބައްދަލުވުމަކަށް ދައުވަތު ދެއްވާނެ ވަގުތަކަށް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ފާއިތުވި ހަފްތާގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނު މިދިޔަ ހަފްތާ ބަންދުގައި ލ. އަތޮޅުގައި އޮތް ދުވުމުގައި ބައިވެރިވަޑައިގަތުމަށްފަހު ، މާލެ ވަޑައިގެން ބައްދަލުވުމެއް ބޭއްވުމަށްޓަކާ މަސައްކަތް ކުރައްވާނެ ކަމަށް. އެހެންކަމުން މި އިންތިޒާރުކުރަނީ ރައީސުލްޖުމްހޫރިއްޔާ ގުޅުއްވާ ލީޑަރުންގެ ބައްދަލުވުމަކަށް ދައުވަތު ދެއްވާނެ ވަގުތަކަށް،" ރައީސް މައުމޫން ވިދާޅުވިއެވެ.
ހަތަރު ލީޑަރުންގެ ބައްދަލުވުމަކަށް ރައީސް ސޯލިހު ދައުވަތު ދެއްވާނެ ވަގުތަކަށް އިންތިޒާރަށް ހުންނެވި ކަމަށް މައުމޫން ވިދާޅުވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ހަތަރު ލީޑަރުންގެ ބައްދަލުވުމާ ގުޅޭ ގޮތުން، އެ ދުވަހު މަޝްވަރާތަކެއް ކުރެވުނު ކަމަށާ އެގޮތުން އެމަނިކުފާނު ދަތުރުފުޅެއް ފާއިތުވި ހަފްތާ ބަންދުގައި އޮތުމާ އެކު މި ހަފްތާގެ ތެރޭގައި ބޭއްވޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ހަފްތާ ނިމުނުއިރުވެސް ލީޑަރުންގެ ބައްދަލުވުމެއް ބާއްވާނެ ތާރީޚެއް ވެސް ވަގުތެއް ވެސް އަދި ކަނޑައެޅިފައެއް ނުވެއެވެ.
މަހަކު އެއްފަހަރު ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވަނީ ރައީސް ސޯލިހު ވެސް ބައިވެރިވަޑައިގަންނަވާ ގޮތަށް ކަމަށް ވާއިރު، ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މި ހަފްތާގައި ރައީސް ސޯލިހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އިވެންޓްތަކުގެ ޕްލޭންގައި އަދި ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ނެތެވެ.
މީގެ އިތުރުން ރައީސް ސޯލިހު އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު 15 ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމުގައެވެ.
ކޯލިޝަން ޕާޓީގެ ބައްދަލުވުމެއް އާ އަހަރު ފެށުނު ފަހުން ބޭއްވިފައިނުވާއިރު،ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަށް ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ދަނީ ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ދަނީ އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދަށާއި، އެ ޕާޓީއަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ދެ ޕާޓީގެ ދެމެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ކުރިމަތިލާނެ ކަމަށް އިއުލާންކުރި ހިސާބުންނެވެ