ރިޔާސީ ބަޔާން އިއްވުމަށް އަންނަ މަހު ހަތް ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށް މަޖިލީހުގެ އިދާރާ އިން ނިންމައިފި އެވެ.
މި ޖަލްސާގައި އޮންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާން އިއްވެވުމެވެ. ރިޔާސީ ބަޔާނުގައި، މި އަހަރަށް ދައުލަތުގެ ސިޔާސަތު ކަނޑައެޅިފައިވާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބަޔާން ކޮށްދެއްވާނެއެވެ.
ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ދަރުބާރުގޭގައި ބާއްވާއިރު، މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާ ވެސް ބޭއްވީ ދަރުބާރުގޭގަ އެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާ ދަރުބާރުގެއަށް ބަދަލު ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ދައުރުގައެވެ. އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި ދެއްވުމަށް ފަހު، ދެން އެ މަނިކުފާނު ދެއްވި ހުރިހާ ރިޔާސީ ބަޔާނެއް ވެސް ދެއްވާފައިވަނީ ދަރުބާރުގޭގައެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ގައުމުގެ ހާލަތު ބަޔާން ކޮށްދީ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ
ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ އިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ. ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށް ގަވާއިދުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ މަސައްކަތްތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފައެވެ.