އިންސައިޓް ކޮންސަލްޓަންސީ ސަރވިސަސް (އައިސީއެސް) އިން އިންތިޒާމްކޮށްގެން ހުކުރު ދުވަހު ބާއްވާ ރަންގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ފަރާތުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަން އައިސީއެސްގެ ސީނިއަރ ސޭލްސް އެންޑް މާރކެޓިންގް ކޯޑިނޭޓަރ އައިމިނަތު އިނާން އަލީ ވިދާޅުވީ ޒީރޯ ޕްލާސްޓިކް ރަންގައި ރައީސް ސޯލިހްގެ އިތުރުން އެމަނިކުފާނުގެ ކެބިނެޓްގެ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ޒީރޯ ޕްލާސްޓިކް ރަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 07:30 އިން ފެށިގެން 10:30 އަށް ހުޅުމާލޭގައެވެ.
އައިސީއެސް އިން ބުނީ މި ރަން ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުގެ މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ކަމަށާއި މި ރަންގެ ސަބަބުން ޕްލާސްޓިކް އެއްކޮށް ބޭނުންކުރުން ހުއްޓާލުމަށް ބާރު އެޅިގެންދާނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.
ރައީސް އޮފީހުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ އަމާޒަކީ ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުން ކަމުގައެވެ.