ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ މިންވަރާއި ހާލަތު ދެނެގަތުމަށް ހަދަމުންދާ ''ހައުސިން އެސަސްމެންޓް''ގެ 80 ޕަސެންޓް ފުރިހަމަ ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
''ހައުސިން އެސަސްމެންޓް''އާ ބެހޭ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ އަދަދު ބެލުމަށް ކައުންސިލްގެ އެހީތެރިކަމާއެކު ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މި ދިރާސާގެ 80 ޕަސެންޓް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
ޝާމިން ވިދާޅުވީ އަތޮޅުތެރޭގައި އެ ދިރާސާ ހަދަނީ ކައުންސިލްތަކާއި ގުޅިގެން ކަމަށާއި، އަތޮޅުތަކުގައި 49 ޕަސެންޓް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ އަދަދު އެނގޭނީ މިކުރެވޭ ދިރާސާގެ އަލީގައި ކަމަށާއި، މިއެސެސްމެންޓާއެކު އެރަށަކަށް، ނުވަތަ އެބަޔަކަށް އެންމެ އެކަށީގެންވަނީ ފްލެޓްތޯ ނުވަތަ ގެދޮރު ހެދުމަށް ރަށުން ގޯތި ދޫކުރުންތޯ ސަރުކާރުން ނިންމާނެ ކަމަށް ޝާމިން ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.