ޖުމްހޫރީ ޕާޓީގެ ޓިކެޓް ލިބޭނީ ހޮވޭނެ މީހުންނަށް ކަމަށް އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ.އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ޕާޓީގެ ޓިކެޓް ދޭއިރު ބަލާނީ ތައުލީމީ، ތަޖުރިބާ އަދި ގާބިލް ކަމަށް ކަމަށެވެ. ހަމަ އެއާއި އެކު ޓިކެޓް ލިބިގެންދާނީ ހޮވޭނެ ކަމުގެ ޔަގީން ކަން އޮންނަ މީހުންނަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
''އަޅުގަނޑުމެންނަށް މިއަދު އަޔަސް، މާދަމާ އަޔަސް ހަމަ ވަނީމާ ސޮއިކޮށްލީމާ އަޅުގަނޑުމެން ޓިކެޓް ދެން، އެކަމަށް އެދޭ ގާބިލް މީހަކު ނަމަ. މިތާ 29 އަހަރު ވެފައި ހުއްޓަސް އަޅުގަނޑުމެން ޓިކެޓެއް ނުދޭނަން ނުހޯވޭނެ މީހަކަށް. އަޅުގަނޑުމެންނަށް ގަބޫލް ކުރެވޭ ގޮތުގައި ނުހޮވޭނެ ކަމަށް ގަބޫލް ކުރެވެންޏާ ނުދޭނަން. ޕާޓީގެ ސީލް އަކަށް ނޫނޭ ވޯޓްލަނީ،'' އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ، މަޖިލީހަށް ވާދަ ކުރާ ފަރާތްތަކަށް ވޯޓު ދެނީ ވަކި ޕާޓީ އަކަށް ނިސްބަތް ވެގެން ނޫން ކަމަށާއި، ވޯޓް ދޭއިރު މީހުން ބަލަނީ އެމީހަކަށް ކަމަށެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަލަށް އުފެއްދި ޕީއެންސީއާ އެކު ކޯލިޝަން ހަދަން އުޅޭ ކަމުގެ އަޑު ފެތުރިފައިވާއިރު ގާސިމް ވިދާޅުވީ، މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނާއި މަޝްވަރާތަކަށް އެމަނިކުފާނަށް ދައުވަތު ދީފައިވާ ކަމަށެވެ. މިހާތަނަށް އިދިކޮޅު އެއްވެސް ފަރާތަކާއި މަޝްވަރާތަކެއް ކޮށްފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަންގައި ހިމެނޭ މައުމޫން ރިފޯމް މޫވްމެންޓްގެ އިތުރުން އަދާލަތާއެކު ވެސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު އެ ޕާޓީން ވެސް މަޝްވަރާތަކެއް ކުރާނެ ކަމަށް ކުރިން ބުނެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ނުސީދާ ގޮތަށް އެމްޑީޕީ އަށް ބަހުގެ ހަމަލާތައް ދެއްވަމުން ވިދާޅުވީ، އެއް ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރެންވީމުން ޕާޓީތަކުގެ ތާއިދު ބޭނުންވާ ކަމަށާއި، ނަމަވެސް މަޖިލީހަށް ނިކުންނަށް ވީމުން އެ ގޮތް ކަމުނުދާ ކަމަށް ބައެއް ޕާޓީ ތަކަށް ގަބޫލު ކުރެވޭ ކަމަށެވެ.
''އަޅުގަނޑުމެން ރަނގަޅު ރައީސުލް ޖުމްހޫރިއްޔާ ހޮވަން ވީމަ އެއް ކެންޑިޑެޓަކަށް ތާއިދު ކޮށްގެން ބޭފުޅަކު ނެރެގެން ދާން. އެހަމަ ޑިމޮކްރަސީގެ ވަރަށް ރަނގަޅު މިސާލެއް. އެކަމަކު ރައްޔިތުންގެ މަޖިލީހަށް ނިކުންނަން ވީމާ ކަމަކު ނުދޭ. ޑިމޮކްރަސީގެ ހަމަތަކުން ބޭރުވެގެން އެބަދޭ. އެއް ކެޑިޑޭޓަކަށް ތާއިދު ކުރީމާ ހުރިހާ ޕާޓީ ތަކުން'' ގާސިމް ވިދާޅުވިއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި މި އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދާ 36 ދާއިރާއަށް ކުރިމަތިލއްވާ ކެންޑިޑޭޓުން ވަނީ ހާމަކޮށްފައެވެ.