ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން މިހާތަނަށް ޕީޕީއެމަށް ދޫނުކޮށް ހިފަހައްޓާފައިވާ އަށް މިލިއަން ރުފިޔާ އެ ޕާޓީއަށް ދޫކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕީޕީއެމަށް ދޫކުރަން ކަނޑައެޅީ 11.5 މިލިއަން ރުފިޔާ ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕާ މެދު ސުވާލު އުފެދިފައި ވާތީ އެ ފައިސާގެ ތެރެއިން އަށް މިލިއަން ރުފިޔާ ދޫނުކޮށް ހިފަހައްޓަން އީސީން ނިންމި ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
އީސީގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ބުދަ ދުވަހު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން މިހާތަނަށް ދޫކޮށްފައި ނުވާ 8.4 މިލިއަން ރުފިޔާ ދޫކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް މާދަމާ ސިޓީއެއް ފޮނުވަން އެ ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ.
އަކުރަމް ވިދާޅުވި ޕީޕީއެމަށް ފައިސާ ދޫކުރަން ނިންމީ، އެ ޕާޓީގެ މިހާރުގެ ލީޑާޝިޕް އިން އިންތިހާބު ކުރި ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމުންނެވެ.
ޕީއެމްގެ ބާރުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ގެއްލިދާނެ ކަމުގެ ބިރަށް، އެމަނިކުފާނު އިސްވެ ހުންނަވައިގެން ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާފައި ވެއެވެ.
ޕިޕީއެމްގެ ކޮންގްރެސް އިން އެޕާޓީގެ އިސް މަގާމުތަކަށް ހޮވާފައި ތިއްބެވި ގިނަ ބޭފުޅުން ވެސް މިހާރު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ މިހާރު ބާއްވާފައިވާއިރު، ދެން އޮތީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާއެވެ.