ޑައިވިނަށް ފޭބި ފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފުން ހޯދަމުންދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާދަމް އާޒިމް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގެއްލިގެން ހޯދި ފަތުރުވެރިޔާ މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ 57 އަހަރުގެ ފިރިހެނެކެވެ.
ފަތުރުވެރިއެއް ގެއްލިގެން އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ ބުދަ ދުވަހުގެ މެންދުރު 1:28 ހާއިރުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނަށް ހަށިގަނޑު ފެނިފައި ވަނީ ބުދަ ދުވަހުގެ ހަވީރު 4:26 ގައެވެ.
"ނޯރޓިލަސް 2" ނަމަކަށް ކިޔާ ސަފާރީއަކުން ވ. އަލިމަތާ އުތުރު ކަނޑު އޮޅިޔަށް ޑައިވިންގް އަށް ގޮސް ގެއްލުނު މީހާ ފެނުނީ އެމްއެންޑީއެފް ޑައިވަރުންނާއި އަލިމަތާ ރިސޯޓު ޑައިވަރުން ހޯދަމުން ދަނިކޮށެވެ.