ހޫޘީންްގެ އަތްދަށުގައި ހުރި ސައުދީ އަރަބިއާގެ ސިފައިންގެ މީހެއް މިނިވަންކަށް ވެރިރަށް ރިޔާޛަށް ފޮނުވުމުން ބަދަލުގައި ހޫޘީންގެ ހަތް ގައިދީއަކު މިނިވަންކޮށްފިކަމަށް ޔަމަނުގައި ހަނގުރާމަކުރަމުންދާ ސައުދީ އިސްކޮށް އޮވެ އުފައްދާފައިވާ ކޯލިޝަނުން ބުނެފިއެވެ.
ހޫޘީން ހައްޔަރުކޮށްފައި ހުރި މޫސާ އަވާޖީ ޔަމަނުގެ ވެރިރަށް ސަންޢާއިން ރިޔާޛަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހުއެވެ.
ހޫޘީންގެ އޮފިޝަލެއްކަމަށްވާ އަބްދުލްޤާދިރު މުރުތަދާއާ ހަވާލާދީ ހޫޘީންގެ ޓީވީ ޗެނަލް އަލް މަސީރާއިން ރިޕޯޓްކޮށްފައިވަނީ އޭނާ ދޫކޮށްލީ ބަލިހާލަތުގެ ސަބަބުންކަމަށެވެ.
ޔަމަނުގައި ހަނގުރާމަކުރަމުންދާ ކޯލިޝަނާއި ހޫޘީންނާދެމެދު ކުށްވެރިން ބަދަލކުރުމަކީ ވަރަން މަދުން ނޫނީ ނުހިނގާ ކަމަކަށްވާއިރު ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވީ މިގޮތަށް ބަދަލުކުރީ އަަވާޖީއަށް ހޫޘީން އެކަށީގެންވާ ފަރުވާ ނުދޭތީކަމަށެވެ. އަދި އިތުރު ކުށްވެރިން ދޫކޮށްލުމުގެ ކަންތައް ކުރިޔަށްދާކަމަށް ތުރުކީއާ ހަވާލާދީ ދައުލަތުގެ މީޑިއާ ބުނެފައިވެއެވެ.
ހޫޘީން ހިންގާ ސަބާ ނޫސްއޭޖެންސީން މުރުތަދާއާ ހަވާލާދީ ބުނެފައިވަނީ ކުށްވެރިން ބަދަލުކޮށްފައިވަނީ ހޫޘީންގެ ލީޑަރު އަބްދުލް-މާލިކް އަލް ހޫޘީ ގެ އިސްނެގުމަކަށް ކަމަށްކަމަށެވެ.
ގައިދީން ބަދަލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވާފައިވަނީ އދން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މާޓިން ގްރިފިތްސްއެވެ.
ގްރިފިތްސްވަނީ އެކަމަށް މަރުހަބާ ވިދާޅުވާކަމަށާއި ގައިދީން ބަދަލުކުރުމަށް ވެވިފައިވާ އެއްބަސްވުން ތަންފީޒުކުރެވޭތަން ދެކެވަޑައިގަންނަވަން ބޭނުންްފުޅުވާކަމަށް ވިދާޅުވެފައެވެ.