އިޖުތިމާއީ ދާއިރާއިން ރާއްޖޭގެ އެންމެ މުހިއްމު ބައިވެރިޔަކީ އިންޑިއާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނިއު ދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވަށްމޭޒު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ ތާރީހީ ގުޅުމެއް ކަމަށާއި ގުޅުން ދެމިގެން ގޮސްފައި ވަނީ ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ސަގާފަތާއި ވައްޓަފާޅީގެ ސަބަބުން ކަމަށެވެ.
އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން ފައިދާކުރާ ކަމަށާއި އިޖުތިމާއީ ދާއިރާގެ އިތުރުން އަންހެނުންގެ ތަރައްގީއަށާއި އަންހެނުން ބާރުވެރިކުރުވުމަށް އިންޑިއާ އިން ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ކަމަށެވެ. އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެންނަވައި، އެ ކަންކަން ހައްލުކުރުމުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ވަނީ ހިއްސާ ކުރައްވާފައެވެ.