ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާގެ ޙަރަކާތްތައް ކަވަރކުރުމުގެ ފުރުޞަތު ރާއްޖެޓީވީ އަށް ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ރިވިއު ކުރުމަށް ހުށައަޅައިފިއެވެ.
ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ފަނޑިޔާރުގެ މަޖިލީހުން އެގޮތަށް ނިންމިކަން ހާމަކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އޮކްޓޯބަރު 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމްގައި ޝަރުޢީ ދާއިރާގެ ކަރާމާތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ތަޙުޤީޤުކޮށް، މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންދެން، ޝަރުއީ ދާއިރާއިން ހިންގާ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެޓީވީއަށް ނުދިނުމަށް ކަނޑައަޅައި ރާއްޖެޓީވީ ވަނީ ސަސްޕެންޑު ކޮށްފައެވެ.
އެކަމާ ގުޅިގެން ބުދަ ދުވަހު ރާއްޖެޓީވީން (ޑީޖީއޭ) އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައެޅުމުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ރާއްޖެ ޓީވީން ގެނެސްދީފައި ނުވާ ކަމަށް އެ ކޮމިިޝަނުން ވެސް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ޝަރުއީ ދާއިރާގެ އެއްވެސް ހަރަކާތަކާއި ކޯޓްގެ އަޑުއެހުންތައް ކަވަރުކުރުމަށް ފުރުސަތު ދީފައި ނުވާތީ، ރާއްޖެޓީވީ ސަސްޕެންޑްކޮށްފައިވާ މައްސަލަ މުރާޖައާކޮށް، ސަސްޕެންޝަން ނިމުމަކަށް ގެނެސްދެއްވުމަށް ސިޓީގައި އެދިފައި ވެއެވެ.
ރާއްޖެޓީވީން 31 އޮކްޓޯބަރުގެ ހެނދުނު ގެނެސްދިން ފަށާއިރު ޕްރޮގްރާމްގައި ނޫސްވެރިން ފާހަގަކޮށްފައި ވަނީ ސަދޫމް ކޯޓުގައި ފަނޑިޔާރުން ހުކުމްކުރާ ގޮތުގެ ވާހަކައެވެ. އަދި ސަދޫމްގައި މައްސަލަތައް ބަލާއިރު، ފަޑިޔާރު ބައްލަވަނީ އެ މީހާގެ ނިޔަތަށް ކަމާއި، އެ ކޯޓުގެ ފަނޑިޔާރުންގެ ނިންމުންތަކަކީ ލަދުވެތި ނިންމުންތަކެއް ކަން ފާހަގަކޮށްފައި ވެއެވެ. އެއްވެސް ގޮތަކަށް އެ ޕްރޮގްރާމްގައި ރާއްޖޭގެ ކޯޓުތަކުން ނިންމުންތައް ނިންމަނީ އެގޮތަށް ކަމަށް ބުނެފައެއް ނުވެއެވެ.
ރާއްޖެޓީވީ ސަސްޕެންޑް ކުރި މައްސަލަ ރިވިއު ކުރަން ހުށައަޅާފައިވާއިރު، ރާއްޖެޓީވީގެ އެ ޕްރޮގްރާމްގައި ދެއްކި ވާހަކައަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާ ބެހޭ ޤަވާޢިދު ގެ 4 ވަނަ މާއްދާގެ (ހ) ގެ 1، 8، 15 އަދި 16 ވަނަ ނަންބަރާ ޚިލާފު ޢަމަލެއް ކަމަށް ޑީޖީއޭގެ ނިންމުމުގައި ބުނެފައި ވެއެވެ.