ރާއްޖެއަށް އެތެރެވާ މީހުން ދެނެގަންނަ, ޕައިސިސް ސިސްޓަމް, އެމެރިކާގެ އެހީތެރިކަމާ އެކު އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އަޕްގްރޭޑްކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ މަގާމުގެ ފުރަތަމަ ދުވަހު ވެސް ތަނުގެ ވަސީލަތްތަކާ މެދު ޝަކުވާ ލިބުނު ކަމަށާއި އެގޮތުން އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވީ އެމެރިކާގެ އެހީތެރިކަމާ އެކު ގާއިމުކޮށްފައިވާ ޕައިސިސް ސިސްޓަމް ނާޒުކު ހާލަތެއްގައި ހުރުމުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ސިސްޓަމް އޭރު ހުރީ ނިވިއްޖެ ނަމަ ހުޅުވޭނެ ކަމުގެ ޔަގީންކަން ވެސް ނެތް ހާލަތެއްގައި ކަމަށާއި ސިސްޓަމަށް ބޭނުންވާ ހާރޑްވެއާރތައް ގެނައުމަށް އެމެރިކާ ސަރުކާރުގައި އެދުމުން ޓީމެއް އައިސް ސާރވާރ ރިޕްލޭސްކޮށް، އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ ސިސްޓަމް އަޕްގްރޭޑްކުރުމަށް ބޭނުންކުރާ ސާމާނު އެމެރިކާ އިން ގެނައުމަށް ކުރީގެ ސަރުކާރުން ހުރަސްތައް ކުރިމަތިކުރުވި ކަމަށާއި އޭގެ ސަބަބުން އިމިގްރޭޝަންގެ މަސަތްކަތްތަކަށް ހުރަސްއެޅިގެން ދިޔަ ކަމަށެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި މިނިސްޓަރ މަލީހު ވަނީ، ކުރިން ޑިލޭ ވެފައިވާ އެތައް މަސަތްކަތެއް ސަރުކާރު ވުޖޫދަށް އައުމަށް ފަހުގައި ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެ އަހަރު ދުވަސް ވަންދެން ޑިލޭ ވެފައި އޮތް ޔޫޕީއެސް އަޕްގްރޭޑް ކުރުމުގެ މަސަތްކަތް ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން މާލޭގެ ކަރަންޓް ނެތް ހާލަތުގައި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތް ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަށް މަގުފަހިވެގެން ގޮސްފައިވާ ކަން މަލީހް ފާހަގަކުރެއްވިއެވެ.
"ހަފްތާ ރެސް" އެޕްލިކޭޝަން ހެދުމުގެ އިތުރުން ފްލެޓައް ހުށަހެޅުމަށް ކިއު ނުޖެހި އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މަސަތްކަތް އެންސީއައިޓީން ފަށައި އޭގެ 95 އިންސައްތަ މަސަތްކަތް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވެބްސައިޓެއް ފަރުމާކުރުމުގެ މަސަތްކަތް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން ފަށާފައިވާ ކަމަށާއި މާރޗް މަހުގެ ފުރަތަމަ ހަފްތާގައި އެކަން ވެސް އިފްތިތާހު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ 2005 ވަނަ އަހަރު ގާއިމް ކުރި ޑޭޓާ ސެންޓަރުގައި އޭގެ ދެ އަހަރު ފަހުން ބެކްއަޕް ސިސްޓަމެއް ގާއިމްކުރި ފަހުން ފާއިތުވި 12 އަހަރު ވީއިރު ވެސް އަޕްގްރޭޑްކޮށްފައި ނުވާ ކަމަށެވެ. މި ހުރިހާ މަސަތްކަތްތަކެއް އެމްސީއެސްޓީން ވަނީ 100 ދުވަސް ހަމަނުވަނީސް ނިންމައިފައެވެ.