އިމާރާތްކުރުމުގެ ގަވާއިދުތަކަށް ހިޔާލު ހޯދުމުގެ ދެވަނަ މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ.
އިމާރާތްކުރުމުގެ ދާއިރާގައި ގިނަ ދުވަސްވަންދެއް މަސައްކަތްކުރައްވާފައިވާ ފަރާތްތަކާ އެކު ސްޓެލްކޯގައި ކުރިއަށްގެންދާ އެ ބައްދަލުވުމުގައި އިމާރާތްކުރުމުގެ ގަވާއިދުތައް އެކުލަވައިލާއިރު އެ ގަވާއިދުތައް އިސްލާހުކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތަކަށް މަޝްވަރާކުރާނެއެވެ. މިބައްދަލުވުން ކުރިއަށްގެންދާނީ އެއް ދުވަހަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
އިމާރާތްކުރުމުގެ ދާއިރާއާ ގުޅުން ހުރި ގަވާއިދުތައް ތަންފީޒުކުރުމުގައި ހުރި އުނދަގޫތައް ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކާއި އެ ދަތިތަކަށް ގެނެވިދާނެ ހައްލުތަކާމެދު މަޝްވަރާކުރުމަށް ބާއްވާ މި ބައްދަލުކުރުމުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރ މުހަައްމަދު އަސްލަމް ވިދާޅުވީ ފުރަތަމަ ބައްދަލުވުމާއި ޚިލާފަށް ދެވަނަ ބައްދަލުވުމުން އިމާރާތްކުރުގެ ގަވައިދަށް އިސްލާހު ގެނައުމަށް ހުރި ޝައުގުވެރިކަން ހާމަވެގެން ގޮސްފިކަމަށެވެ.
"އެނގޭ މިއީ ވަރަށް ޒަމާންވެއްޖެ ކަމެއްކަން. ވަކި މީހެއްގެ ބޮލުގައި އަޅުވާފައި ވަކި ކަމެއް ނުކޮށް އޮތީ މިވެނިކަމެއް ވެގެންނޭ ބުނާކަށް އަޅުގަނޑު ނެތިން. އަޅުގަނޑު އެބަޖެހޭ މިއަދު މިކަމާއި ހަވާލުވެގެން ހުރީ އަޅުގަނޑު. އަޅުގަނޑު އެބަޖެހޭ މިކަން އަވަހަށް ނިންމަން. " އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިއަދު ވިދާޅުވީ ފުރަތަމަ ބައްދަލުވުމަށްވުރެ ބުދަ ދުވަހުގެ ބައްދަލުވުން ކާމިޔާބުވާނެ ކަމަށް ބެލެވޭ ކަމަށެވެ.