ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށައެޅި ގިނަ ފޯމުތަކުގައި ބިދޭސީންގެ ނަންބަރު ޖަހާފައި ހުރި ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅޭގޮޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ޕީއެންސީ އިން ހުށައެޅި ގިނަ ފޯމުތައް ރިޖެކްޓް ކުރަން ޖެހުނީ ބިދޭސީންގެ ފޯނު ނަންބަރު ޖަހާފައި ހުރުމުގެ ސަބަބުން ކަމަށެވެ.
ޕީއެންސީ އިން ހުށައެޅި 4000 ފޯމުގެ ތެރެއިން ސައްހަވީ 1950 ފޯމުކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭގެ ތެރެއިން ގިނަ ފޯމުތައް އެ ޕާޓީއަށް ސޮއި ނުކުރާ މީހުންގެ ނަމުގައި ހުށައަޅާފައި ހުރެގެން ވެސް ރިޖެކްޓް ކުރަން ޖެހުނު ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެ ފޯމުތަކުގައި ހުރި ނަންބަރަށް ގުޅުމުން ޕީއެންސީއަށް ސޮއި ނުކުރާ ކަމަށް ގިނަ ބަޔަކު ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެއްވެސް މީހެއްގެ ނުރުހުމުގައި ސޮއިކުރުވާފައި ނުވާނެ ކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބުދުﷲ ވަނީ ވިދާޅުވެފައެވެ.
ޕީއެންސީ އުފެއްދުމުގެ ޖަލްސާ ދަރުބާރުގޭގައި ބާއްވާފައިވާއިރު، އަބްދުއްރަހީމް ވިދާޅުވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު 4000 ފޯމް އިސީއަށް ހުށަހެޅިއިރު، އޭގެ ތެރެއިން އީސީ އިން ސައްހަ ކަމަށް ކަނޑައެޅީ 1945 ފޯމް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ސިޔާސީ ޕާޓީއެއް ރެޖިސްޓްރީ ކުރާ ނަމަ ސައްހަ 3000 ސައްހަ ފޯމް ހުށަހަޅަންޖެހެއެވެ. އޭގެ ފަހުން 1100 ފޯމް ހުށަހެޅި އިރު އޭގެ ތެރެއިން ވެސް ސައްހަވީ 300 ވަރަކަށް ފޯމް ކަމަށް އެނގިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ. ނަމަވެސް އީސީން ހުއްދަ ދީފައި ވަނީ ސައްހަ 3،000 ފޯމް ހަމަވުމުންނެވެ.