ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމެޓީތަކަށް ދޭ އެލެވެންސް ހާމަކުރެވެން ނެތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ކޮމެޓީތަކަށް ދޭ އެލެވެންސްތަކުގެ އަދަދެއް މީޑިއާޔަށް ހިއްސާ ކުރެވެން ނެތް ކަމަށެވެ. މިހާރު ހިމެނޭ ކޮމިޓީތަކާއި ރިޔާސީ ދެ ކޮމިޝަންގެ މެމްބަރުންގެ އެލަވަންސް ތަފާތެވެ. އަދި ކެބިނެޓް ކޮމެޓީތަކަށް އެލަވަންސް ނުދޭ ކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ.
ހޫދު ވިދާޅުވީ ރައީސް ސޯލިހު އުފައްދަވާފައި ވަނީ ދެ ކޮމިޝަނާއި ދެ ކޮމިޓީ ކަމަށެވެ. އެއީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފަވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަނުގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނެވެ. ކޮމެޓީތަކުގެ ތެރޭގައި ހިމެނެނީ ފްލެޓްތައް ދިން ގޮތް ބަލާ ކޮމިޓީ އާއި ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީއެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ލާޒިމްކުރާ ކޮމިޝަންތަކުގެ ތެރޭގައި ހިމެނެނީ ޕޭ ކޮމިޝަނާއި ގައުމީ އިނާމާ ބެހޭ ކޮމިޓީއެވެ.
ސަރުކާރުގެ ކޮމެޓީތައް ގިނަވުމުގެ ސަބަބުން ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިނިސްޓްރީން ހަދާ ކޮމެޓީތަކަކީ ރައީސް ސޯލިހް ހައްދަވާ ކޮމެޓީތަކެއް ނޫނެވެ.