އިނިގިރޭސި ވިލާތުގެ ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުގެ ނުފޫޒުގަދަ ބައެއް ފަރާތްތަކާ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.
މި ވަގުތު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ވައިސް ޗެއަރޕާރސަން އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ހެލެން ގްރާންޓްއާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުންނާއި ވިޔަފާރި ފަދަ ދާއިރާތަކުން ދެގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ގްރާންޓް ޓްވީޓް ކުރައްވަފައި ވެއެވެ.
މިނިސްޓަރ ޝާހިދު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީޕީ) އާއި އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއަކީ ވަރަށް ގާތުން މަސައްކަތްކުރާ ދެ ޕާޓީއެވެ. އިނގިރޭސިވިލާތުގެ ވިޔަފާރީގެ ސިޔާސަތާ ބެހޭ ސްޓޭޓް މިނިސްޓަރ ޖޯޖް ހޮލިންބެރީއާ ވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން އިނގިރޭސި ފޮރިން އޮފީހުގެ ކުރީގެ މިނިސްޓަރ ހޫގޯ ސްވަޔަރ އާއި އޯލް ޕާޓީ ޕާލިމަންޓްރީ ގްރޫޕްގެ ޗެއަރ ޑޭވިޑް އެމެސްއާ ވެސް ޝާހިދު ވަނީ ބައްދަލުކުރައްވަފައެވެ.މި ބައްދަލުވުންތަކުގައި އައު ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ ގޮތުންނާއި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީ އިނގިރޭސި ގަނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމަތު ދެއްވާފައެވެ.
މިނިސްޓަރު ޝާހިދުއާ ބައްދަލުކުރެއްވުމަށް ފަހު ހޫގޯ ސްވެޔަރ ވިދާޅުވީ ވީހާ ވެސް އަވަހަކަށް ކޮމަންވެލްތްގެ މެންބަރަކަށް ރާއްޖެ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންނާ ހޯމަ ދުވަހު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއިރު އާދިއްތަ ދުވަހު ލަންޑަންގައި ކޮމަންވެލްތްގެ ސެކެޓްރީޖެނެރަލް ޕެޓްރީޝިޔާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައި ރާއްޖެ ކޮމަންވެލްތްގެ މެންބަރަކަށް ވުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.