ހުރިހާ ރަށެއްގައި ބަނދަރު ހަދާ ނިމުމުން، އެތަންތަނަކީ އިގްތިސާދީ ހަރަކާތްތައް ހިނގާ ބާޒާރު ބަނދަރުތަކަކަށް ހެދުމަށް ކައުންސިލްތަކަށް ބާރުދޭ ގޮތަށް ޤާނޫނެއް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި އެވެ.
މި ގާނޫނު ހުށަހަޅާނީ އަލަށް އިންތިޚާބުކުރާ މަޖިލީހަށެވެ.
އެމްޑީޕީން އަލަށް އިންތިހާބު ކުރާ މަޖިލީހުން ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ކަރުދާހުގައި ބުނެފައިވަނީ އަތޮޅުތެރޭގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަށް، ފެރީ ނިޒާމެއް ނެތް ތަންތާގަ ފެރީގެ ނިޒާމެއް ތައާރަފް ކުރުމުގެ ބާރު ކައުންސިލްތަކަށް ދޭނެ ކަމަށާއި، މުދާ އުފުލުމަށް ބޭނުންކުރާ ސަޕްލައި ފެރީ ތައާރަފް ކުރާނެ ކަމަށެވެ.
މިކަރުދާހުގައި ފެރީ ޓަރމިނަލްތައް ހަދަން ޖެހޭ ރަށްތައް ފާހަގަކޮށް، ފެރީ ޓާރމިނަލްއެއް ގާއިމްކުރާނެ ކަމަށާއި، ސީޕްލޭންގަ ދަތުރު ކުރަން ބޭނުންވާ މީހުންނަށް ބޯޑު ކުރެވެންދެން މަޑުކޮށްލައިގެން ތިބެވޭނެ ގޮތަށް ކައިރި ރިސޯޓުތަކުގެ ޖެޓީ އޭރިއާގަ ތަނެއް ހަމަޖެއްސާނެ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި މީހުން ދިރިއުޅޭ އެހެން ރަށްރަށަށްވެސް މި ހިދުމަތް ފުޅާކުރުމަށް ފްލޯޓިންގް ޕްލެޓްފޯމްތައް ގާއިމްކުރާނެ ކަމަށް ބުނެފައިވެއެވެ.
މިކަރުދާހުގައި އެއްރަށުން އަނެއް ރަށަށް ދާންބޭނުންވާ ފަސިންޖަރުންނަށް މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިޔުގަ އެކުލެވިފައިވާ ގޮތާއި ތާވަލް ފެންނަން ބެހެއްޓައި،ހުންނާނެ ކަމަށާ މިކަމަށް މޯބައިލް އެޕެއް ތައާރަފް ކުރާނެ ކަމަށެވެ.
ވައިގެ ދަތުރުތަކަށް އަލިއަޅުއްވާލައްވާ މިކަރުދާހުގައި ބުނެފައިވަނީ ބަޖެޓު އެއާލައިން ތަކަށް ލޯކަލް އެއާޕޯޓުތަކުގާ ލޭންޑު ކުރުމުގެ ހުއްދަ ދޭނެ ކަމަށާއި، ގެސްޓްހައުސް ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ގެސްޓުން އަތުން ނަގާ އަގުތައް ތިރި ކުރާނެ ކަމަށެވެ. އަދި ބިމުގެ ދަތުރުފަތުރުތައް ކުރިއެރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާއިރު، އެއްފަޅެއްގެ ތެރޭގައި ފާލަމަކުން ގުޅާލެވެން ހުރި މީހުން ދިރިއުޅޭ ރަށްތައް ފާހަގަކޮށް އެއްރަށް އަނެއް ރަށާ ފާލަމަކުން ގުޅުވާލާނެ ކަމަށެވެ.
އެމްޑީޕީން ބުނީ ޖަޒީރާ ވަންތަކަން ނަގާލެވޭ ގޮތަށް ރަށްރަށުން މީހުން ބާލައިގެން ގެނެސް އެއްފަސްކޮށް ތޮއްޖެއްސުމުގެ ދެއުޅިއެއްނުވާ ވިސްނުމުގެ ބަދަލުގައި އެޕާޓީގެ ސިޔާސަތަކީ ޖަޒީރާވަންތަ ސިފަޔާއި ފުށުނާރާ ގޮތަށް ރަށު ބަންދުން ފިލުވުން ކަމަށާއި، ލުއިފަސޭހަ ދަތުރުފަތުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އާބާދީތައް ގުޅުވާލުން ކަމަށެވެ.
މުޅި ރާއްޖެ ގުޅުވާލެވިފައިވާ ފެރީގެ ނިޒާމެއް އެމްޑީޕީއިން ތައާރަފްކޮށް ކާމިޔާބުކަމާއިއެކު ހިންގަން ފެށީ މިސަބަބުތަކާ ހުރެ ކަމަށެވެ. އަމިއްލަ ރަށުގައި އާއިލާއާއި އެކު ފިތި ބާރުނުވެ ދިރިއުޅެމުން ފަސިންޖަރުންނާއި މުދަލާއި ހިދުމަތް އެއްރަށުން އަނެއް ރަށަށް ފޯރުވާދެވޭނެ ހަރުދަނާ އިންތިޒާމެއް ގާއިމްކުރުމަށް ކަމަށް ވެސް އެޕާޓީން މައުލޫމާތުދެއެވެ.