އެފްރިކާގެ ބައެއް ފަގީރު ގައުމުތަކަށް ވުރެ، ރާއްޖޭގައި އިންތިހާއަށް ކޮރަޕްޝަން އާންމުވެފައިވުމުން، ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ރާއްޖެ 12 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.
ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން، ޓްރާސްޕޭރެންސީ އިންޓަނޭޝަނަލުން އަންގާރަ ދުވަހު ނެރުނު މިދިއަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއިން ދައްކާ ގޮތުން ރާއްޖެ އޮތީ އެފްރިކާގެ ފަގީރު ގައުމުތައް ކަމަށްވާ، އިތޯޕިއާ އާއި މާލިގެ އިތުރުން މަލާވީއަށް ވުރެ ފަހަތުގައެވެ.
ޓްރާސްޕޭރެންސީ އިންޓަނޭޝަނަލުން ރޭންކު ކުރާ 180 ގައުމުގެ ތެރެއިން، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއިން ދައްކަނީ ރާއްޖެ އޮތީ 124 ވަނާގައިކަމަށެވެ. އޭގެ ކުރީ އަހަރު، 2017 ވަނަ އަހަރު ރާއްޖެ އޮތީ 112 ވަނައިގައެވެ. އަދި 2016 ވަނަ އަހަރު ރާއްޖެ އޮތީ 95 ވަނައިގައެވެ.
މިދިއަ އަހަރު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި، ކޮރަޕްޝަން އާންމުވެފައިވާ މިންވަރު އިތުރުވުމުން ރާއްޖެއަށް ވުރެ ފަހަތުގައި އޮތް, މާލި އާއި މަލާވީ ދެ ދަރަޖަ ވަނީ ކުރިއަށް ޖެހިލާފައެވެ. އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ފަގީރުންގެ ގޮތުގައި ހިމެނޭ އެ ދެ ގައުމު މިއަހަރުގެ އިންޑެކްސުން ދައްކަނީ ރާއްޖެއަށް ވުރެ ހަތަރު ދަރަޖަ ކުރީގައި އޮތް ކަމަށެވެ. ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި އެ ދެ ގައުމު މިފަހަރު އޮތީ 120 ވަނައިގައެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނު ދަށް ނަތީޖާއާ ގުޅިގެން، ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ނަތީޖާއިން ދައްކަނީ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ރޫޅިފައިވާ ކަމާއި އަތްނުފޯރާ ވަރަށް ކޮރަޕްޝަންގެ ވަބާ އަށަގެންފައިވާ ކަމުގެ ބިރުވެރި ނިޝާން ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް މުއައްސަސާތައް ނުފޫޒުން އެއްކިބާ ކުރުމަށާއި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނުތައް ތަންފީޒު ކުރަން ހުރި ހުރަސްތައް ނައްތާލުމަށާއި މީޑީއާއަށް އަމާން މާހައުލެއް ހޯދައި ދިނުމަށް ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފައެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އިން ދައްކާ ގޮތުން މިދިޔަ އަހަރު އެންމެ ކޮރަޕްޝަން ކުޑަ ގައުމަކީ ޑެންމާކެވެ. ދެ ވަނައަށް ނިއުޒިލެންޑެެވެ. ކޮރަޕްޝަން ހައްދު ފަހަނަ އަޅައި ގޮސްފައިވުމުން، އެންމެ ކޮރަޕްޝަން ބޮޑު ގައުމަކަށް ސީޕީއައި އިން ދައްކަނީ ސޯމާލިއާ އާއި ސީރިއާއެވެ.