ކ.ހިންމަފުށިން ގިނަ އަދަދެއް ރުއް ނަގާ ބޭރު ކޮށްފިއެވެ.
ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ އެރަށުން ގިނަ އަދަދެއްގެ ރުއްތަކެއް ބޭރުކޮށްފައިވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްދަދީގެން ކަމަށެވެ. އަދި 55 ރުއް ނެގުމަށް އީޕީއޭއިން ހުއްދަދީފައިވާ ކަމަށް ވެސް ޝާން ވިދާޅުވިއެވެ.
މީގެ އިތުރުން ޝާން ވިދާޅުވީ، އީޕީއޭއިން ހުއްދަ ދިނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ނަގާ ކޮންމެ ރުކަކަށް ރުކެއް އިންދުމަށް އެއްބަސްވެފައިވާ ކަމަށާއި، މިހާރު އެމަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ރަށްރަށުން ރުއް ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން އއ. ތޮއްޑޫގައި 200 އަށް ވުރެ ގިނަ ރުށް ނަގާތީ އެރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. އަތޮޅު ތެރޭގެ ރަށްރަށުން ނަގާ ރުއް ރާއްޖޭގެ ރިސޯޓުތަކަށާއި، ބޭރަށް ދަނީ ބޮޑު އަގުގައި ވިއްކަމުންނެވެ.