ސްރީލަންކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ހަރަކާތްތައް ޝަރަފުވެރިކޮށް ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
ސްރީލަންކާގެ މިނިވަން ދުވަހު ހަފްލާ ޝަރަފްވެރި ކޮށްދެއްވުމަށް އެދި، އެ ޤައުމުން ފޮނުވި ދައުވަތު ރައީސް ސޯލިހު ޤަބޫލުފުޅު ކުރައްވާފައިވާއިރު، އެ ޤައުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.
ސްރީލަންކާގެ މިނިވަންދުވަހަކީ އަންނަ މަހުގެ 4 ވަނަ ދުވަހެވެ.
އަންނަ މަހުގެ ތިނަކުން ފަސްވަނަ ދުވަހުގެ ނިޔަލަށް ރައީސް ސޯލިހު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވާނެއެވެ.
މި ދަތުރުފުޅު އިތުރު ތަފްސީލް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.
ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި އެ މަނިކުފާނު ލަންކާއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ވަނީ މިދިޔަ މަހު ލަންކާއަށް ވަޑައިގެންފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ކުރައްވާ މިއީ ،ރަސްމީ ތިންވަނަ ދަތުރުފުޅެވެ. މީގެ ކުރިން ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ އިންޑިއާ އަށާއި ޔޫއޭއީ އަށެވެ. އޭގެ ތެރެއިން ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑަގެންނެވީ އިންޑިއާ އަށެވެ.
ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ.