19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް އަހްމަދު ޝާހިދު (ސާބެ) އެ ޕާޓީން ހަމަޖައްސައިފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމައި، ޕާޓީގެ ޕްރައިމަރީ ބާއްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ދުވަހުއެވެ. ޕްރައިމަރީން ޓިކެޓް ކަށަވަރު ކުރި ފަރާތްތަކަށް ޓިކެޓް ދިނުމަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވާދަނުކުރާ ހަމައެކަނި ދާއިރާއަކީ ފ .ނިލަންދޫ ދާއިރާއެވެ. އެއީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އެއްވެސް ފަރާތަކުން ނަން ހުށަހަޅާފައިނުވާތީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް އެމްޑީޕީން ތައްޔާރުވަމުން އަންނައިރު، އެ މަޖިލީހަށް އެމްޑީޕީން ހުށަހަޅާނެ 17 ބިލެއްގެ ޑްރާފްޓް ކޮޕީއެއް، މަޖިލީހުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން ހޮނިހިރު ދުވަހު ބޭއްވި ޕޮލިސީ ވޯކް ޝޮޕަށް ވަނީ ހުށަހަޅާފައެވެ. ރައްޔިތުންނާއި ގުޅުން ހުރި 17 ބިލެއްގެ ޑްރާފްޓް ހުށަހަޅާފައިވާއިރު، އެ ޑްރާފްޓްތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ވަނީ ރައްޔިތުންނަށް މިހާރު ހުޅުވާލާފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިވާ 17 ބިލަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެބިލް، ލާމަރުކަޒު ކުރުމުގެ ބިލް،އަމިއްލަ އާމްދަނީ ޓެކްސް ނެގުމުގެ ބިލް، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ދަރިވަރުންގެ ދަރަނި ބިލް، ވަޒީފާދޭ ފަރާތްތަކަށް އިނާޔަތްދިނުމުގެ ބިލް، ދިވެހިންގެ ގުދުރަތީ ވާރުތަ މުދާ އާލާކޮށް ދިރުވުމުގެ ބިލް، ފެނާއި ކަރަންޓް އަގު ހެޔޮ ކުރުމުގެ ބިލް، ދަތުރުފަތުރާއި ބެހޭ ބިލް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމުގެ ބިލް، ޓްރާންސިޝަނަލް ޖަސްޓިސް ބިލް، ޓުއަރިޒަމް ގެސްޓްހައުސް ވިޔަފާރި ބިލް، ޖުޑިޝަރީ އިސްލާހުކުރުމުގެ ބިލް، ނެޝަނަލް ޕަބްލިކް ޑިފެންޑަރ ބިލް، މެމްބަރުންގެ ނަޒާހަތްތެރިކުރުމާއި ބެހޭ ބިލް ހިމެނެއެވެ.