ރާއްޖޭގެ މަސްދޯނިތައް ސްރީލަންކާގެ މާރުކޭޓުތަކަށް މަސްވިއްކުމުގެ ފުރުސަތު ހުޅުވާލުމަށް، ލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި އެއްބަސްވުމެއް ޤާއިމް ކުރުމަށް، ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމުގެ އިހްތިޔާރު އާ މަޖިލީހުން ފަހިކޮށްދޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން އެގޮތަށް ބުނެފައި ވަނީ "މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދާދިނުން" އަލަށް އިންތިހާބު ކުރާ މަޖިލީހުން ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ކަރުދާހުގައެވެ. އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ ދެލިކޮޕީގައި ބުނެފައި ވަނީ ދިވެހި މަސްވެރީން ބާނާ މަސް، ދިވެހި ދޯނިފަހަރުގައި ބޭރުގެ މާކެޓްތަކަށް ވިއްކޭނޭ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ.
މިއީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ދިވެހިކަނޑުތަކުން މަސް ބާނައިގެން، ދިވެހި މަސްވެރިން ބޭރުގެ މާކެޓުތަކަށް މަސް ވިއްކޭނެ ގޮތް ހައްދަވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވެސް އެކަން ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މަސްވެރިކަން ކުރުމުގެ ފުރުސަތު ހަމައެކަނި ދިވެހިންނަށް ހޯދައި ދިނުމަށް އެމްޑީޕީން ވަނީ ބާރުއަޅާފައެވެ. ދިވެހި ކުންފުނިތަކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުން، ބިދޭސީންނާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުގެ ގޮތުން، މަސްވެރިކަން ކުރުމުގެ ހުއްދަ ހަމައެކަނި ދިވެހި ފަޅުވެރިންނާއި އެކު މަސްވެރިކަން ކުރާ ދިވެހި ބޯޓު ފަހަރަށް ދިނުމަށް ވަނީ ލާޒިމު ކޮށްފައެވެ. އަދި ލޯންގ ލައިން މަސްވެރިކަމުގައި އުޅޭ ބޭރުގެ ބޯޓް ފަހަރަށް ދޫކޮށްފައިވާ ލައިންސަން ބާތިލު ކުރަން އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.
ރާއްޖޭގެ މަސް ކަނޑުތަކަގައި ދާ އަޅައިގެން މަސްބޭނުމާއި ވިއްދައިގެން މަސްބޭނުމާއި އައިނު މިޔަރު ހިފުން މަނާ ކުރުމަށް ވެސް އެމްޑީޕީން ހުށަހަޅާފައިވާ ކަރުދާހުގައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް ކަންނެލީގެ އަގު ބޮޑު ކުރުމަށް، ދުރަށް ދުއްވައިގެން އާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ނުވަތަ ކަންނެލި ޖަގަހަތަކެއް ހެދުމަށް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.
"ގޭދޮށު މަސްޕްލާންޓް" ހެދުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދާނީ ކައުންސިލް ތަކާއެކު ހެދޭ ކުންފުނިތަކުން ކަމަށާއި އެގޮތުން ރަށަށް ބާނާ މަސްގަނެ، ދަޅުގައި ބަންދުކޮށް، ރަށުން ބޭރުކުރެވޭން ފެށޭނެ ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ ކަރުދާހުގައިވެއެވެ.