ރިޔާސީ ނިޒާމުގައި ވިޕް ލައިން އަޅައިގެން ވޯޓު ދޭން ބާރެއް ނޭޅޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެއެެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ވަކިގޮތަކަށް ތްރީ-ލައިން ވިޕް އަޅައި އެ މީހަކު ގަބޫލު ނުކުރާ ކަންކަމަށް ވޯޓް ދޭން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.
"ރައީސްގެ ވިސްނުންފުޅަކީ ވެސް އަދި 47 މެންބަރުން ތިއްބެވިއަސް ރިޔާސީ ނިޒާމެއްގައި ތްރީ ލައިން ވިޕް އަޅައިގެން ވަކިގޮތަކަށް ވޯޓް ދިނުމަށް ބާރުއެޅިދާނެކަމަށް ގަބޫލެއް ނުކުރަން" ރިޔާޒް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލް ފާސްވިޔަ ނުދިނުމަށް ބައެއް މެންބަރުން މަސައްކަތް ކުރެއްވި ކަމަށް ތުހުަމަތުކުރައްވަމުން ރިޔާޒް ވިދާޅުވީ، ބިލްގެ ކޮމިޓީ މަރުހަލާގައި ވެސް ވަރަށް ބޮޑެތި ގޮންޖެހުން ތަކާއި ކުރިމަތިވެވަޑައިގެންނެވި ކަަމަށެވެ. އަދި ބިލް މިހާރު ވަނީ ހުށަހެޅި ގޮތަށްވުރެ ވަރަށް ބޮޑުތަނުން ބިލް ބަދަލުވެފައިކަމަށް ވިދާޅުވިއެވެ.
"އެ ބިލް ހުށެހެޅިގެން އައި އިރު ބޮޑެތި ކަންބޮޑުވުން ހުރި. ކޮމިޓީ ސްޓޭޖަށް އެ ބިލް ދިއުމާ ގުޅިގެން ކޮމިޓީ ތެރޭގައި މަޝްވަރަކުރެވި އެޓާނީ ޖެނެރަލް ވެސް ބެއްލެވުމަށްފަހުގައި މިހާރު އެ އޮތީ ހުށަހެޅި ހުށަހެޅުމާ ހަމަ ވަރަށް ބޮޑު ތަފާތު ބިލެއް،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބިލް ފާސްނުވި އެއް ސަަބަބަކީ، ތަހުގީގު ކުރާ ކޮމިޝަންތަކަށް ބާރު ދޭ ބިލަކަށް އެ ބިލްވެފައި، ބައެއް މެންބަރުންގެ މަސްލަހަތު އެކަމުގައި ހިމެނިފައިވުމެވެ.
"ތަހުގީގު ކުރާ މައްސަލަތަކުގެ ތެރޭގައި މަޖިލިސްގައި ތިއްބެވި ބައެއް މެެންބަރުންނަށް ތުހުމަތުކުރެވޭ މައްސަލަތައް އެބަހުރި. ނުހައްގުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުރަށްތައް ނެންގެވި ބޭފުޅުން އެބަ ތިއްބެވި. އަދި މަނީ ލޯންޑްރިން ކަންތަކުގައި އުޅުއްވާފައި ތިއްބެވި ކަމަށް ތުހުމަތުކުރެވޭ ބޭފުޅުން އެބަތިއްބެވި. މަސްލަހަތު އޮތް ބޭފުޅުން އެކަން އެންމެ ފުރިހަމައަށް ގެންދިއުމަށް ފަސޭހަ ނުވެދާނެ. އެ ފުރުސަތު ނުދިނުމަށް މަސައްކަތް ވެސް ކޮށްފާނެ،" ރިޔާޒް ވިދާޅުވިއެެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި އެ ބިލް ފާސްވާން ޖެހެއެވެ. އަދި އެފަދަ ތުހުމަތުތައް ކުރެވިފައިވާ ބޭފުޅުން ދެން އަންނަ އިންތިޚާބެއްގެ ކުރިން "އެކައުންޓަބަލް" ކުރެވެން ޖެހޭނެއެވެ. އެހެންނަމަވެސް މި ފެށޭ ދައުރުގައި އެންމެ ފުރަތަމަ އެޖެންޑާ ކުރެވެން ޖެހޭނެ ބިލަކަށް އެބިލް ވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަން ތެރޭގައިވެސް ބިލާއި ޚިޔާލު ތަފާތު މީހުން ނެތްކަމަށް ވިދާޅުވެވެން ނެތްކަމަށާއި، އެކަމަކުވެސް "މީހުންގެ ކަންފަތް އަނބުރާ" ވޯޓް ދޭށޭ ކިޔައި މަޖުބޫރު ނުކުރެވޭނޭކަމަށް ރިޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް މަޖުބޫރުކުރުވުމެއްނެތި ވިސްނައިދީގެން އެފަދަ މެންބަރުންވެސް "އޮންބޯޑް" ކުރެވޭނެކަމަށް ރިޔާޒް ވިދާޅުވިއެވެ.
މަޖިލީހުގެ ނިމިދިޔަ ދައުރު ނިންމާލީ "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާ ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" ފާސްނުކުރެވިއެވެ.
އެ ބިލް ފާސްކުރުމަށް ވޯޓަށް ނޭހުނީ މަޖިލީހަށް އެ ވަގުތު މެމްބަރުން ހަމަނުވެގެންނެވެ. ބިލް ފާސްވުމަށް ގާނޫނީ އަދަދު ކަމުގައިވާ 43 މެންބަރުން ހަމަވާން ޖެހޭނަމަވެސް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވީ ކޯލިޝަންގައި ހިމެނޭ މެންބަރުންގެ ތެރެއިން 39 މެންބަރުންނެވެ.
ރިޔާސީ ދެ ކޮމިޝަނަށް ބާރު ދޭ ގޮތަށް ހުށަހެޅި، ބިލް ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް ދިއުމުން ޖެހުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރި ނަމަވެސް އެކަންވެސް ކާމިޔާބެއް ނުވިއެވެ.