މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް އަމާޒު ކޮށްގެން ބޭއްވި ފޯރަމްގައި ގިނަ ފަންނާނުންތަކެއް ޕަބްލިކް މީޑިއާ ސާވިސް ( ޕީއެސްއެމް) އަށް ފާޑުކިޔައިފިއެވެ.
މި ފޯރަމް ގައި ވާހަކަ ދެއްކި ފަންނާނުން ބުނީ، ޕީއެސްއެމް އިން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފިލްމު ފްރޮމޯޓް ކުރުމުގެ ކަންތައްތަކުގައި އެއްވެސް ކަހަލަ އިސްކަމެއް ނުދޭ ކަމަށެވެ.
ގައުމީ ޓީވީ ޗެނަލަށް ޕީއެސްއެމް ގިނަ ފަހަރު ފިލްމެއްގެ ޓްރެއިލާއެއް ވެސް ދައްކަން ޖެހެނީ ފައިސާ ދައްކައިގެން ކަމަށް ބައެއް ފަންނާނުން ބުންޏެވެ.
އަދި އެހެން ދާއިރާތަކަށް ދޭ ވަރަށް އިސްކަން އެއްވެސް ފަރާތްތަކުން ފަންނާނުންނަށް ނުދޭ ކަމަށް ބުނެ ބައެއް ފަންނާނުން ކަންބޮޑުވުން ފާޅުކުރިއެވެ.
އަދި މީގެ އިތުރުން ކޯޓުތަކުގެ ކުރިމަތީގައި މަންޒަރުތައް މީޑިއާގެ ފަރާތްތަކަށް ލިބޭއިރު ފިލްމު ތަކުގެ މަސައްކަތްކުރާ ފަރާތްތަކަށް އެތަންތަނުގައި މަންޒަރު ނުނެގޭ ކަމަށް ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދާ އަލީ ސީޒަން ބުންޏެވެ .
މި ފޯރަމް ގައި ވާހަކަ ދައްކަމުން މަޝްހޫރު ޑައިރެކްޓަރ ނިޔާޒް ( ޓެޑްރީ) ބުނީ، ރާއްޖޭގައި ހަދާ ފިލްމުތައް އާކާއިވް ކުރެވެން ޖެހޭ ކަމަށާއި، އޮލިމްޕަސް ޕީއެސްއެމްއާއި ހަވާލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ނެޝަނަލް ސެންޓަ ފޯ އާޓްސް އާ ހަވާލު ކުރަން ޖެހޭ ކަމަށެވެ.
''އަޅުގަނޑު ދަންނަވާނީ އޮލިމްޕަސް ޕީއެސްއެމް ދަށުގައި އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތޭ. އޮލިމްޕަސް އޮންނަން ޖެހޭނީ އެންސީއޭ ދަށުގައި. ޕީއެސްއެމްގެ ވާހަކަ މިތާގައި ދަންނަވައިގެން އެބޭފުޅުންނަށް ޕީއެސްއެމްގެ ފަރާތުން އައިސްދާނެ ދަތިތަކެއް ނޭނގެ މި ތަނުގައި ޕީއެސްއެމްގެ ވާހަކަ ދަންނަވަން ނުކެރިގެން އެ އުޅެނީ.'' ޓެޑްރީ ބުންޏެވެ.
އެ ފޯރަމްގައި ބައިވެރިވި ފިލްމީ ތަރި ސައީދު ވެސް ވަނީ ޕީއެސްއެމް އަށް ފާޑުކިޔާފައެވެ. '' ޕީއެސްއެމްއިން ޑްރާމާ ދައްކައޭ އިނގޭ. ޑަބް ކޮށްގެން . ސިންޑްރެއްލާ ކިޔާ އެއްޗެއް ދައްކާނެ . ޕާކިސްތާނު ޑްރާމާއެއް. ދިވެހި އެއްޗެއްސަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ.'' އިތުރަށް ވާހަކަ ދައްކަމުން ސައީދު ބުނީ، ރަށްރަށުގައި ފިލްމު އަޅުވަން ސްކޫލް ހޯލް ހޯދުމަކީ އެންމެ ބޮޑަށް ދަތިވެފައިވާ ކަންތައް ކަމަށާއި، ގިނަ ފަހަރު ސްކޫލް ތަކުގައި ފިލްމު އެޅުމަށް ފުރުސަތު ނުލިބޭ ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ޖަލްސާތައް ބާއްވަން އެ ފުރުސަތު ވަރަށް ފަސޭހައިން ލިބޭ ކަމަށް އޭނާ ބުންޏެވެ.
ފިލްމު ޑައިރެކްޓަރު އަމްޖަދް ވަނީ އޭނާގެ ހުރި ޝަކުވާތައް ކަރުދާހެއްގެ ސިފައިގައި ހުށައަޅާފައެވެ. އަދި ގިނަ ފަންނާނުން ބޭނުންވަނީ އެ ދާއިރާ އަށް ދިމާވެފައި ހުރި މައްސަލަތައްހައްލުކުރަން ކޮމިޓީއެއް އެކުލަވައިލައިގެން ވެސް އެ ކަމަށް ހައްލެއް ހޯދައިދިނުމެވެ.
ފަންނާނުންގެ ވާހަކަތައް އަޑު އެހުމަށް ފަހު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، ހިޔާލެއް ހުށައަޅައިގެން އެއްވެސް ބަޔަކާއި މެދު ތަފާތު ކުރުމެއް މި ސަރުކާރުން ނުގެން ގުޅޭނެ ކަމަށާއި، މި ސަރުކާރުގެ ސިޔާސަތަކީ ހިޔާލު ފާޅުކުރުމަށް ފުރުސަތު ދިނުން ކަމަށެވެ. ޔުމްނާ ވިދާޅުވީ، ހައްލު ކުރަންޖެހޭ ކަންތައްތައް ހައްލުކުރުމަށް ވީހާވެސް އަވަހަށް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
''ތިބޭފުޅުން ފާހަގަ ކުރެއްވި ކަންތައްތަކާއި ބަލާއިރު އަޅުގަނޑުމެން މިހާރު ވެސް އެޑިއުކޭޝަން މިނސްޓަރ އާއި ވެސް މަޝްވަރާ ކޮށްފަ އޮންނާނީ، އާޓްސްގެ ދާއިރާ ސްކޫލް ތަކުން ހީނަރުވަމުން ދާތީ އެކަން ކަން ކުރިއަރުވަން ކުރެވޭނެ ކަންކަމާއި ބެހޭ ގޮތުން.'''ޔުމްނާ ވިދާޅުވިއެވެ.
ސަރުކާރުންދޭ ލުއި ލޯނަށް އަލި އަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެހެން ފަރާތްތަކަށް ލޯނު ލިބޭ ގޮތަށް ފަންނާނުންނަށް ވެސް ލޯނު ލިބެން ޖެހޭ ކަމަށާއި، އެ ފުރުޝަތު ހޯދައިދެން މަސައްކަތް ކުރައްވާނެ ކަމަށެވެ.