ހައިކޯޓުގެ ހުކުމާއި އެއްގޮތަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބްގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ހައިކޯޓުން ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން އަދީބު ގޭބަންދަށް ބަދަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މައްޗަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރުނީ ހޯމަ ދުވަހުއެވެ.
ހައި ކޯޓުން ވަގުތީ އަމުރެއް ނެރުނީ އެ ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަދީބުގެ ބޭސްފަރުވާ އާއި ގުޅޭ އިސްތިއުނާފް މައްސަލައިގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. ހައިކޯޓުގައި މިއަދު ކުރިއަަށް ދިޔައީ، އަދީބުގެ ސިއްހީ ހާލު ގޯސްވެ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ހުރި ޙުކުމުގެ އިސްތިއުނާފު މައްސަލައެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއަތުތައް އަދީބުގެ މައްސަލައިގައި ފުރިހަމަކޮށްފައި ނެތުމުން އެ މައްސަލަ ކުރިއަށްގެންދެވެން ނެތް ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު ހައި ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި އަދީބްގެ ވަކީލް މުޙައްމަދު އިސްމާއިލް ކޯޓުގައި ވިދާޅުވީ، އަދީބުގެ ސިއްޙީ ހާލު ގޯސްވެ، ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރުވެސް މިހާރު އޮތް ކަމަށެވެ. އަދި އަދީބްގެ ހާލަތާއި، އާއިލީ ވެއްޓެއްގަހައި އަދީބް ބެހެއްޓުމަށް ކުރިން ޑޮކްޓަރު ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް، އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާއި ގުޅޭގޮތުން ހައިކޯޓުގައި މިހާރު އޮތް މައްސަލަ ނިމެންދެން، އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވަކީލް ވަނީ އެދިވަޑައިގެންފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއާ ގުޅިގެން މިކަމަށް ޖަވާބުދާރީ ވުމަށް ދައުލަތުން އިތުރު ފުރުޞަތަކަށް އެދުނު ނަމަވެސް، އެކަމަށް ޖަވާބުދާރީ ވުމަށް ހޯމަ ދުވަހު ދައުލަތަށް ދިން ފުރުޞަތުގައި އަދީބުގެ ސިއްހީ ހާލަތަށް ބަލައި އެމަނިކުފާނު ގެއަށް ބަދަލުކޮށްގެން ނުވާނެ ކަމަށް ޤަބޫލުކުރެވޭފަދަ ސާފު ސަބަބެއް ދައުލަތަށް ޝަރީއަތަށް ހުށަހެޅިފައެއް ނުވެއެވެ.
ހައި ކޯޓުގައި ހޯމަދުވަހު މެންދުރު ފަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވީ އެ މައްސަލަ ނިމެންދެން އަދީބު މިވަގުތު ގޭގައި ބެހެއްޓުމުގެ އަމުރު ނެރެންޖެހޭ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ.
މައްސަލަ ނިމެންދެން އަދީބު ގޭގައި ބަހައްޓަން ވަގުތީ އަމުރު ނެރުނުއިރު، ހޯމަ ދުވަހު ހައި ކޯޓުން ވަނީ މުޅި އެ މައްސަލައިގެ އަޑުއެހުންތައް ވެސް ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
މި މައްސަލަ ބައްލަވަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނެވެ. ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޙަސަން އަލީ އާއި ފަނޑިޔާރު ޙުސައިން ޝަހީދެވެ.