ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހޯމަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މާދަމާއިން ފެށިގެން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މަޖިލީސް އިންތިހާބަށްވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން އިދާރީ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ.
އެ އިންތިހާބަށް ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތައް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދިން މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ. މުއްދަތު ހަމަވިއިރު ހަމައެކަނި ޕްރައިމަރީއެއް ބާއްވައިފައިވަނީ އެމްޑީޕީންނާއި އަދާލަތު ޕާޓީންނެވެ. އެމްޑީޕީ ބޮޑު ޕްރައިމަރީއެއް ބާއްވައި 86 ކެނޑިޑޭޓަކު ހޮވާފައިވާއިރު، އަދާލަތު ޕާޓީން ވަނީ 13 ދާއިރާއަކަށްވާދަކުރާނެކަން އިއުލާންކޮށްފަ އެވެ.
އެ ދެ ޕާޓީގެއިތުރުން އެއްވެސް ސިޔާސީ ޕާޓީއަކުން ޕްރައިމަރީ ބާއްވައިފައިނުވާއިރު، ވާދަކުރާނެ ޖުމްލަ ދާއިރާތަކެއްވެސް ހާމަކޮށްފައެއް ނުވެ އެވެ. އެގެތެރޭގައި ޖުމްހޫރީ ޕާޓީއާއި، މައުމޫން ރިފޯމް މޫވްމެންޓާއި، ޕީޕީއެމާއި، ޕީއެންސީވެސް ހިމެނެ އެވެ. މީގެއިތުރުން ލޭބަރ ޕާޓީއާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ އެމްޓީޑީންވެސް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ހުރިކަން ހާމަކޮށްފަ އެވެ.
ހޮޓަލް ޖެންގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބް ރައީސް އަމްޖަދް މުސްތަފާ ވިދާޅުވީ ވީހާވެސް ގިނަ ފަރާތްތަކުން ވޯޓުލުމުގައި ބައިވެރިވުމަށާއި އަދި ފަސޭހަ ކަމާއިއެކުގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އިތުރަށް ފަސޭހަކަމާއި އެކު އަދި ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް ކުރެވެމުންދާ ކަމަށް އެނާ ވިދާޅުވިއެވެ.
މީގެ ކުރިން މިދިޔަ ރިޔާސީ އިންތިޚާބުގައި ރީރެޖިސްޓްރީވެފައި ތިބި ފަރާތްތަށް އެހެން ސަރަހައްދެއްގައި ރީ ރެޖިސްޓްރީވުމެއް ނެތި ވޯޓު ލުމުގެ ފުރުސަތު ފަހިވެފައި އޮތުމާއި، ހަމައެއާއިއެކު ރިސޯޓްތަކާއި ރާއްޖެއިން ބޭރުގެ ގައުމުތަކައި އިންޑަސްޓްރިއަލް ރަށްރަށުގައި ވޯޓުފޮށި އިތުރަށް ބެހެއްތުމަށްޓަކައި ކަނޑައަޅާ ސީލިންގ ދައްކުރުން ހިމެނޭ ކަމަށް އަމްޖަދު ވިދާޅުވިއެވެ. އޭގެއިތުރުން މާލޭ އޭރިއާ ސަރަހައްދުގައި ގިނަ ވޯޓުފޮށިތަކެއް ފަސޭހަކަމާށާއި އެކު ގިނަ ވަގުތު ކިއުގައި ނުޖެހި ރައްޔިތުންނަށް ވޯތުލެވޭނެ ނިޒާމެއް ހަމަޖެއްސައިދިނުންފަދަ މުހިއްމު ލުއި ފަސޭހަގޮތަތަކެއް މި އިންތިޚާބުގައި ކޮނިޝަނުން އިންތިޒާމް ކުރަމުންގެދާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.