އިލެކްޝަންސް ކޮމިޝަންގެ އައު ލޯގޯ އާއި ކުލަ އިފްތިތާހުކޮށްފިއެވެ.
ހޯމަ ދުވަހުގެރޭ ހޮޓެލް ޖެން ގައި ބޭއްވި ޚާއްސަ ހަފްލާގައި މި ލޯގޯ އާއި ކުލަ އިފްތިތާހުކޮށްދެއްވީ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި ސިޔާސީ ޕާޓިތަކުގެ އިސް ބޭފުޅުންނެވެ.
މި ލޯގޯ އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މި ލޯގޯ އަކީ ވަރަށް މާނަ ފުން މަސައްކަތްތަކެއް ދައްކުވައިދޭ ލޯގޯއެއް ކަމަށެވެ. އެގޮތުން ލޯގޯގައިވާ ރޮނގުތައް ރަމްޒުކޮށްދެނީ ޖޯގްރަފިކަލީ ރާއްޖޭގެ ކޮންމެ އަތޮޅެއް ކަމަށާއި ތިން ރޮނގެއް ރަމްޒުކޮށްދެނީ ދައުލަތުގެ ތިންބާރު ކަމަށެވެ.
މީގެ އިތުރުން އީސީގެ ފަރާތުން ބާއްވާ މުހިއްމު ތިން ތިން އިންތިޚާބެއް ރަމްޒުކޮށްދޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ތިން އިންތިޚާބަކީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބް އަދި ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިގެކުރިން ބޭނުންކުރަމުން ދިޔަ ލޯގޯ ބަދަލުކުރީ، އެ ލޯގޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާތީކަމަށެވެ. އެގޮތުން އެ ލޯގޯއިން ރަމްޒުކޮށްދެނީ ދެ އަތުން ވޯޓު ފޮށްޓެއްގައި ބައްދައިގެން އިންނަ މަންޒަރުކަމަށް ބުނެ ބައެއް ފަރާތްތަކުން ފާދުކިޔާފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.
އީސީގެ ކުލައިގެ ގޮތުގައި ކަނޑައަޅާފައިވާ ކުލައަކީ ދަނބު ކުލަ އެވެ. ޝަރީފް ވިދާޅުވީ އެ ކުލަ ކަނޑައަޅާފައިވަނީ ސިޔާސީ ޕާޓީއަކުން ބޭނުން ނުކުރާ ކުލައެއް ކަނޑައެޅުމަށް ކަމަށެވެ. އެގޮތުން ކުލަ ކަނޑައެޅުމުގެކުރިން ސިޔާސީ ޕާޓީތަކުގެ ކުލައަށް ބަލާފައިވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.