އެމެރިކާގެ ޑިޕްލޮމޭޓުންނަށާއި ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ވަން ވައިދޯއަށް އެއްވެސް ނުރައްކަލެއް ކުރިމަތި ކޮށްފިނަމަ ވަރުގަދަ ރައްދަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވީ އެފަަފަ ބިރު ދެއްކުމެއް ވެގެންދާނީ ގާނޫނު މުގުރުމުގެ އިންތިހާ އަމަލެއް ކަމުގައެވެ.
މި އިންޒާރު ދީފައިމިވަނީ އެމެރިކާއާއިއެކު އިތުރު 20 ގައުމަކުން ވެނެޒެއޭލާގެ އިންތިގާލީ ރައީސްއަކީ އެ ގައުމުގެ އިދިކޮޅު ލީޑަރު އަދި ގާނޫނުހަދާ މަޖިލީހުގެ ރައީސް ވަން ވައިދޯ ކަމަށް ބަލައިގެންފައި ވަނިކޮށެވެ.
އުމުރުފުޅުން 35 އަހަރުގެ ވައިދޯ އަމިއްލަ ފުޅަށް ވަގުތީ ލީޑަރަކީ އޭނާ ކަމަށް އިއުލާނު ކުރެއްވީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެތައް ހާސްބަޔަކާއެކު ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.
ވައިދޯ ވަނީ ބުދަ ދުވަހާއި އަންނަ ހޮނިހިރު ދުވަހު ވެސް ރައްޔިތުން މަގުތަކަށް ނުކުތުމަށް ގޮވާލައްވަފައެވެ.
ވެނެޒުއޭލާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މި މަހުގެ ކުރީކޮޅު މަޑޫރޯ ހުވާކުރެއްވީ އެ ގައުމުގެ ރިޔާސީ އިންތިޚާބަކީ އިންތިޚާބުތަކަށް ކުރި މަލާމާތެއް ކަމަށާއި ބަލައި ނުގަންނަ ކަމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ބުނެފައިވަނިކޮށެވެ.
މަޑޫރޯގެ ވެރިކަމުގައި އެ ގައުމުގެ އިގްތިސާދު ދިޔައީ ހިފެހެއްޓުމެއް ނެތި ދަށަށެވެ.
ވެނެޒުއޭލާގެ ހަމަނުޖެހުންތަކާއެކު ޔޫރަޕުގެ ގައުމުތައް ކަމުގައިވާ ސްޕެއިން، ފަރަންސޭސިވިލާތް އަދި ޖަރުމަނުންވަނީ އަށް ދުވަހުގެ ތެރޭގައި ވެނެޒުއޭލާގައި ރިޔާސީ އިންތިހާބެއް ނުބޭއްވިއްޖެ ހާލަތެއްގައި އިދިކޮޅު ލީޑަރު ހުއާން ގައިޑޯއަކީ ރައީސްކަމުގައި ބަލައިގަންނާނެ ކަމުގެ އިންޒާރު މިހާރުގެ ރައީސް ނިކޮލަސް މަޑޫރޯއަށްދީފައެވެ.