ރާއްޖޭގެ އިމާރަތްތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫގެ ދަށުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހޯމަ ދުވަހު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑރ. ހުސައިން ރަޝީދު ހަސަންއެވެ. އަދި އެ މަޝްރޫއާ ހަވާލުވި ކުންފުނި ކަމަށްވާ ޕްރައިޒް ވޯޓަރ ހައުސްކޮޕާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޕްރަސާންތަ ކުމާރް މިސްރާއެވެ.
އެ އެއްބަސްވުމުގެ ދަށުން އިމާރަތްތަކުގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރާނެ ގޮތްތަކުގެ ވަކި އުސޫލުތަކެއް ކަނޑައަޅައި ގައިޑްލައިނެއް ތައްޔާރުކުރުމަށް ވަނީ ހަވާލުކުރެވިފައެވެ.
"މީގެ ނަތީޖާއަކަށް ވާނީ، ދިވެހިރާއްޖޭގައި އަޅާ ބިލްޑިންގްތައް މީހުުން ދިރިއުޅުމަށް އަޅާ ގެދޮރާއި، އަދި ވިޔަފާރީގެ އެކިއެކި މުއާމަލާތްތައް ހިންގުމަށް އަޅާ އިމާރަތްތައް ވެސް މިހާރަށް ވުރެ ބޭނުންކުރާ ހަކަތައިގެ މިންވަރު މަދުން ބޭނުންކޮށްގެން އެތަންތަނުގެ ހިންގާ ކަންކަން ހިންގޭނެ ގޮތަށް ފަރުމާކުރެވޭ އިމާރަތްތަކަކަށް ވާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ތެރެއިން 96 އިންސައްތަ ހަކަތަ ބޭނުންކުރަނީ ޑީސަލް އަންދައިގެން ކަމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރަނީ އެންމެ 4 އިންސައްތަ ކަމަށެވެ. ނަމަވެސް އަމާޒަކީ ކުރިއަށް އޮތް 11 މަސް ތެރޭގައި އެ އަދަދު 10 އިންސައްތައަށް އިތުރުކުރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ގައިޑްލައިންގެ މިންގަނޑަށް އަލަށް ހަދާ ތަންތަން އިމާރަތް ކުރުމަށް ބާރުއަޅާނެ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
" އެ ގައިޑްލައިނަކީ ރާއްޖޭގެ މަސައްކަތްކުރާ އާކިޓެކްޓުންނާއި، އިންޖިނިއަރުންނާއި، ކޮންސްޓްރަކްޝަން ދާއިރާގަ މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހައިން ބަލައިގަނެވޭނެ ބޭނުންކުރެވޭނެ ގައިޑްލައިނަކަށް ވާނެ. އަޅުގަނޑުމެން މި ތައްޔާރުކުރާ ގައިޑްލައިންގެ ސަބަބުން ކުރިއަށް އޮތް ތާނގައި އެނަރޖީ އެފިޝިއަންސީ ސިފަތައް ހިމެނޭ އިމާރަތްތައް ދެނެގަނެވި ފަސޭހަވާނެ އަދި އެގޮތަށް އިމާރަތްތައް ޑިޒައިންކޮށް އެގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް ފަސޭހަވެގެންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއްވެސް ފަށާފައިވާއިރު، ރާއްޖެއިން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އަމާޒުހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.