އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް ތަރައްގީ ކުރުމަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓްރީއާ ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީ އަދި އިންޓަނޭޝަނަލް ރިނެވެބްލް އެނާޖީ އެޖެންސީ (އައިރިނާ)އާ ގުޅިގެން ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ.
ހަތަރު ދުވަހަށް ކުރިއަށްދާ މިތަމްރީން ޕްރޮގްރާމް ޝަރަފުވެރި ކޮށްދެއްވާ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ގައުމުތަކުގެ އެހީތެރިންކަން ބޭނުންވާ ކަމަށާއި، ޓެކްނޮލޮޖީއަކީ މުހިންމު ދައުރެއް އަދާ ކުރާ އެއްޗެއް ކަމަށެވެ.
މި ޕްރޮގްރާމްގައި އެކި ގައުމުތަކުގައި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕްމެންޓް ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް ތަރައްގީ ކުރުމަށްޓަކައި ރާވާ މަޝްރޫއުތަކަށް ހަރަދު ކުރުމަށްޓަކައި ބޭނުންކުރާ ގްރީން ކްލައިމެޓް ފަންޑްގެ އުސޫލުތަކަށް ފެތޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެހީ ހޯދުމަށް މަޝްވަރާ ކުރުމަށް ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ.
މީގެ އިތުރުން ގްރީން ކްލައިމެޓް ފަންޑްގެ އެހީގައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ސިޑްސްގެ ގައުމުތަކުގައި ވިހަގޭސްތައް މަދުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގްރާމްގައި ސިޑްސްގެ ހަތް ގައުމެއް ބައިވެރިވެއެވެ. އެއީ ރާއްޖޭގެ އިތުރަށް ފިޖީ، ފިލިޕީންސް، ފަދަ ކުދި ޖަޒީރާ ގައުމުތައް ހިމެނެއެވެ.