ބްރެޒިލްގެ މިނާސް ގެރާއިސް ސްޓޭޓްގެ ބްރުމަޑީނޯގައި ދަގަނޑު ނަގާ މައިނެއްގައި ހުރި ޑޭމްއެއް ފަޅައިގެން ގޮސް، މަރުވި މީހުންގެ އަދަދު 58 އަށް އަރައި ގެއްލިފައިވާ މީހުން ދިރިތިއްބައި ފެނިދާނެ ކަމުގެ އުއްމީދު ކުޑަވެއްޖެއެވެ.
ބްރެޒިލްގެ އެންމެ ބޮޑު މައިނިންގ ކުންފުނި، ވޭލް އިން ހިންގާ މި ޑޭމް ފަޅައިގެން ދިޔަ ސަބަބެއް އަދި ހޯދިފައި ނުވާއިރު، އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ހޯދުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ހުކުރު ދުވަހު މި ޑޭމްގެ މަތީބައި ފަޅައިގެން ގޮސްފައިވާއިރު، މި ހާދިސާއަށް ފަހު އެ ޑޭމް އާއި އިންވެގެން ތިރީގައި އިމާރާތް ކޮށްފައިވާ އެހެން ޑޭމްއެއް ވަނީ ބަންޑުންވެފައެވެ. 1976 ވަނަ އަހަރު އިމާރާތް ކޮށްފައިވާ މި ޑޭމް ބޭނުން ކުރަމުންދަނީ ދަގަނޑު މައިންއިން ބޭރު ކުރާ ރެސިޑިއު ހިފެހެއްޓުމަށެވެ.
އާދީއްތަ ދުވަހު ހެނދުނު މިނާސް ގެރާއިސް ސްޓޭޓުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި ހަމަ އެ ސަރަހައްދުގެ އިތުރު ޑޭމްއެއް ކަމަށްވާ ބީ6 ފަޅައިގެން ހިނގައިދާނެކަމުގެ ބިރާއެކު ބުރުމަޑީނޯގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް މެންދުރު ފަހު ސިވިލް އިންޖިނިއަރުން ވަނީ އެފަދަ ބިރެއް ނެތްކަމުގެ ޔަގީންކަން ދީފައެވެ.
ސްޓޭޓް ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ފްލެވިއޯ ގޮޑީނޯ ވިދާޅުވީ މަރުވި މީހުންގެ އަދަދު 58 އަށް އަރާއިރު 305 މީހަކު އަދި ވެސް ނުފެނިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަހެއްގެ ތެރޭގައި މަރުވެފައި ތިބި އެތައް ބަޔަކު ވެސް ފެނިފައިވާ ކަމަށެވެ. މިހާތަނަށް ދިރިހުއްޓައި ސަލާމަތް ކުރެވިފައިވަނީ 192 މީހުން ކަމަށާއި އޭގެ ތެރެއިން 23 މީހަކަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޭލް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި 12 މިލިއަން ކިއުބިކް މީޓަރުގެ މި ޑޭމް ހުންނަ ސަރަޙައްދުގައި ދަގަނޑު ހޯދުމަށް މައިން ނުކުރާތާ މިހާރު ވަނީ 3 އަހަރު ވެފައެވެ. މަސައްކަތް ނުކުރި ނަމަވެސް އެ ޑޭމްގައި މައިން އިން ބޭރުކޮށްފައި ހުރި ކުނި ހުރި ކަމަށާއި، ހާދިސާއަށް ފަހު ބަންޑުންވެގެން ޗަކައާއިއެކު އެ ސަރޙައްދަށް ފެތުރިފައިވަނީ ކިހާ މިންވަރެއްގެ ކުނިކަން އަދި މިހާތަނަށް ޔަޤީންކުރެވިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހާދިސާއާ ގުޅިގެން ވޭލް ކުންފުނީގެ ޗީފް އެގްޒެކެޓިވް، ފެބިއޯ ޝްވާޓްސްމަން ބުނެފައިވަނީ މިއީ ބޮޑު ހިތާމައެއް ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ނިިމިގެންދިޔަ އަހަރު އެ ޑޭމްގެ ހާލަތު ބެލުމަށް ޖަރުމަނުގެ ކުންފުންޏަކާ ހަވާލު ކުރެވުނު ކަމަށާއި، ސެޕްޓެމްބަރުގެ ނިޔަލަށް އެ ޑޭމްގެ ހާލަތު ވަރަށް ރަނގަޅު ކަމަށް ޖަރުމަނުގެ ކުންފުނިން ބުނެފައިވާ ކަމަށެވެ.