ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފިކުރާއި ސިޔާސަތަކީ ރައީސް ޔާމީންގެ ފިކުރާއި ސިޔާސަތު ކަމަށް އެޕާޓީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީ އުފެއްދުމަށްޓަކައި ބޭއްވި، ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ ޕީއެންސީއަކީ ރައީސް ޔާމީނާއެކު ވަރަށް ސާބިތުކަމާއެކު ނުކުމެ، މިގައުމާއި މިގައުމުގެ ރައްޔިތުންނަށްޓަކައި ހިދުމަތްކުރާނެ ޕާޓީއެއް ކަމަށެވެ.
"މި ޕާޓީއަކީ ޚުދު ރައީސް ޔާމީންގެ ޕާޓީއެއް. މި ޕާޓީ އުފެއްދެވުމުގެ ހުރިހާ ވިސްނުންފުޅަކާ ހުރިހާ ޚިޔާލުފުޅެއް އަޅުގަނޑުމެންނާ ހަމައަށް ތިލަކޮށްދެއްވި ބޭފުޅަކީ ރައީސް ޔާމީން. މި ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރު. މި ޕާޓީން ދަމަހައްޓާނީ ރައީސް ޔާމީންގެ ސިޔާސަތު"، އަބުދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ މިލްކުވެރިކަން ނޭނގިގެން އުޅެނިކޮށް އުފެއްދި، ޕީއެންސީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޒިންމާދާރު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް އާއި ގުޅިގެން ގިނަ ގޮނޑިތަކެއް އެޕާޓީން ކާމިޔާބު ކުރާނެ ކަމަށްވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީއަށް ގިނަ ބައެއްގެ ތާއީދު ލިބުނީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮށްދެއްވި ކަންކަމުގެ ސަބަބުންކަމަށް ވެސް މިރޭގެ ޖަލްސާގައި އަބުދުއްރަހީމް ވިދާޅުވިއެވެ. އަދި ދެން އޮންނަ ރިޔާސީ އިންތިޚާބުވެސް އެޕާޓީން ކާމިޔާބު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީ އުފެއެްދުމަށް އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ނައިބު ރައީސް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އިންތިޚާބު ކޮށްފައެވެ. އަދި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާނެ 40 މެންބަރުންގެ ވަގުތީ ކޮމިޓީއެެއްވެސް ވަނީ އެކުލަވާލާފައެވެ.
ޕީއެންސީ އަކީ ޕީޕީއެމްގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ. ޕީއެންސީން ބުނީ ދާއިމީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެންދެން ވަގުތީ ކޮމިޓީގައި ހުރިހާ މެމްބަރުން ވެސް ދެމިތިއްބަވާނެ ކަމަށެވެ.