ބްރެޒިލްގެ މިނާސް ގެރާއިސް ސްޓޭޓްގެ ބްރުމަޑީނޯގައި ދަގަނޑު ނަގާ މައިނެއްގައި ހުރި ޑޭމްއެއް ފަޅައިގެންގޮސް، ހަތް މީހަކު މަރުވެ، 150 އަށްވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.
ޑޭމް ފަޅައިގެން ދިއުމުގެ ސަބަބުން ޑޭމް ހުރި ހިސާބުގެ ބިންގަނޑު ކަނޑައިގެންގޮސް، ބްރުމަޑީނޯގެ ވަށައިގެންވާ ސަރަޙައްދުތަކަށް ގިނަ އަދަދެއްގެ ޗަކަ ވަނީ ފެތުރިގެން ގޮސްފައެވެ.
މި ހާދިސާގައި ޗަކައިގެ ތެރޭގައި ތާށިވެފައިވާ އެތައް ބަޔަކު މިހާރު ސަލާމަތްކޮށްފައިވާއިރު، އިތުރު މީހުން ސަލާމަތް ކުރެވޭތޯ އެމަޖެންސީ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހާދިސާގައި ގެއްލިފައިވާ ގިނަ މީހުންނަކީ ދަގަނޑު މައިންގައި މަސައްކަތްކުރާ މީހުންނެވެ. ހާދިސާ ހިނގައި ސަރަޙައްދަށް ޗަކަގަނޑު ފެތުރިގަތް އިރު އެމީހުން ތިބީ ޑޭމްގައި ހުންނަ ކެފެޓީރިއާގައެވެ.
ބްރެޒިލްގެ އެންމެ ބޮޑު މައިނިންގ ކުންފުނި، ވޭލް އިން ހިންގާ މި ޑޭމް ފަޅައިގެންދިޔަ ސަބަބެއް އަދި ހޯދިފައި ނުވާއިރު، އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ހޯދުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ހުކުރު ދުވަހު މި ޑޭމްގެ މަތީބައި ފަޅައިގެންގޮސްފައިވާއިރު، މި ހާދިސާއަށްފަހު އެ ޑޭމް އާއި އިންވެގެން ތިރީގައި އިމާރާތް ކޮށްފައިވާ އެހެން ޑޭމްއެއް ވަނީ ބަންޑުންވެފައެވެ. 1976 ވަނަ އަހަރު އިމާރާތްކޮށްފައިވާ މި ޑޭމް ބޭނުންކުރަމުންދަނީ ދަގަނޑު މައިންއިން ބޭރުކުރާ ރެސިޑިއު ހިފެހެއްޓުމަށެވެ.
ވޭލް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި 12 މިލިއަން ކިއުބިކް މީޓަރުގެ މި ޑޭމް ހުންނަ ސަރަޙައްދުގައި ދަގަނޑު ހޯދުމަށް މައިން ނުކުރާތާ މިހާރު ވަނީ 3 އަހަރު ވެފައެވެ. މަސައްކަތް ނުކުރި ނަމަވެސް އެ ޑޭމްގައި މައިންއިން ބޭރުކޯށްފައި ހުރި ކުނި ހުރި ކަމަށާއި، ހާދިސާއަށްފަހު ބަނޑުންވެގެން ޗަކައާއިއެކު އެ ސަރޙައްދަށް ފެތުރިފައިވަނީ ކިހާ މިންވަރެއްގެ ކުނިކަން އަދި މިހާތަނަށް ޔަޤީންކުރެވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ހާދިސާއާ ގުޅިގެން ވޭލް ކުންފުނީގެ ޗީފް އެގްޒެކެޓިވް، ފެބިއޯ ޝްވާޓްސްމަން ބުނެފައިވަނީ މިއީ ބޮޑު ހިތާމައެއް ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިނިގެންދިޔަ އަހަރު އެ ޑޭމްގެ ހާލަތު ބެލުމަށް ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކުރެވުނު ކަމަށާއި، ސެޕްޓެމްބަރުގެ ނިޔަލަށް އެ ޑޭމްގެ ހާލަތު ވަރަށް ރަނގަޅު ކަމަށް ޖަރުމަނުގެ ކުންފުނިން ބުނެފައިވާ ކަމަށެވެ.
އެ ކުންފުނިން އިތުރަށް ބުނީ ހާދިސާ ހިނގިއިރު އެ ސަރަޙައްދުގައި އެ ކުންފުނީގެ 300 އެއްހާ މުވައްޒަފުން ހަރަކާތްތެރިވަމުންދިޔަ ކަމަށާއި، އޭގެ ތެރެއިން 100 މީހުން މިހާރު ހޯދިފައިވާ ކަމަށެވެ. އަދި އެ ކުނފުނިން ބަލަހައްޓާ އެހެން ޑޭމްތަކުގެ ރައްކާތެރިކަމުގެ އޯޑިޓެއް ހަދަން ފަށާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބްރެޒިލްގެ ރައީސް ވަނީ މިއީ ހިތާމަވެރި ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވައި ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހާދިސާ ހިނގި ސަރަޙައްދަށް ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވާފައެވެ.
ބްރުމަޑިނޯގައި ޑޭމްއެއް ފަޅައިގެންގޮސް މި ހާދިސާ ހިނގާފައިމިވަނީ މިނާސް ގެރާއިސް ސްޓޭޓްގެ އެހެން އަވަށެއްގައި ހުންނަ މިފަދަ ޑޭމްއެއް ފަޅައިގެންގޮސް 19 މީހުން މަރުވިތާ ގާތްގަނޑަކަށް 3 އަހަރުފަހުންނެވެ.