ގްރީސްގެ ގާނޫނު ހަދާ މަޖިލީހުން، އަވަށްޓެރި މެސެޑޯނިއާއެކު ޖެހިފައިވާ ނަމުގެ މައްސަލަ ހައްލުކުރުމަށް ވެފައިވާ ޕްރެސްޕެސް އެގްރީމަންޓް ތަންފީޒުކުރަން ފާސްކޮށްފިއެވެ.
މި އެއްބަސްވުން ތަންފީޒުކުރަން ނިންމުމާއެކު މެސެޑޯނިއާއަށް ދެން މުޚާތަބު ކުރެވޭނީ ރިޕަބްލިކް އޮފް ނޯތު މެސެޑޯނިއާގެ ނަމުންނެވެ.
ގިނަދުވަސްތަކެއް ވަންދެން ތަންފީޒު ނުކުރެވި އޮތް ޕްރެސްޕެސް އެގްރީމަންޓާ ގުޅޭގޮތުން ނެގި ވޯޓު ކާމިޔާބު ވުމާއެކު، ކުރެއްވި ޓްވީޓްއެއްގައި ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕަރަސް ވިދާޅުވީ މިއީ ތާރީހީ ދުވަހެއް ކަމަށެވެ. އަދި މިއަދު ގްރީސްއިން އެ ގައުމުގެ ތަރިކައިގެ މުހިންމު ބައެއް ރައްކާތެރި ކުރެވިއްޖެ ކަމަށް ވެސް ސިޕަރަސް ޓްވީޓުގައި ވިދާޅުވިއެވެ.
Today marks a historical day. Greece safeguards an important part of its history, the heritage of Ancient Greek Macedonia. pic.twitter.com/2v0dMdegGY
— Alexis Tsipras (@tsipras_eu) January 25, 2019
300 މެމްބަރުން ތިއްބަވާ ގްރީސްގެ ގާނޫނު ހަދާ މަޖިލީހުގައި ހުކުރު ދުވަހު ނެގި ވޯޓުގައި އެއްކޮޅަށް 156 ވޯޓު ލިބުނުއިރު ދެކޮޅަށް، ދެކޮޅަށް 143 ވޯޓު ލިބުނެވެ.
މެސެޑޯނިއާގެ ބޮޑުވަޒީރު ޒޯރާން ޒައޭވް ވެސް ވަނީ ގްރީސްގެ ޕާލިމަންޓުގެ ނިންމުމާއި މެދު އުފާފާޅުކުރައްވާ، ސިޕަރަސްއަށް މަރުހަބާ ދަންނަވާފައެވެ.
Congratulations my friend @tsipras_eu, together with our peoples we reached a historical victory. Long live the Prespa Agreement! For eternal peace and progress of the Balkans and in Europe! pic.twitter.com/f9aIpMa4Xz
— Зоран Заев (@Zoran_Zaev) January 25, 2019
މި ދެ ގައުމުގެ ދެމެދުގައި 2018 ވަނަ އަހަރުގެ ޖޫން މަހު ވީ ތާރީޚީ ޕްރެސްޕަސް އެއްބަސްވުމުގައިވާ ގޮތުން މެސެޑޯނިއާއިން އެ ގައުމުގެ ނަން ބަދަލުކުރަމާއި އެކު، އީޔޫ އާއި ނޭޓޯފަދަ ޖަމިއްޔާތަކާއި އެ ގައުމު ގުޅެން ގްރީސްއިން ކުރިމަތި ކުރަމުން އަންނަ ހުރަސްތައް ނައްތާލަން ޖެހެއެވެ.
ބަލްކަންގެ ގައުމެއް ކަމަށްވާ މެސެޑޯނިއާއަށް އެނަން ކިޔުމަށް ގްރީސްއިން ނުރުހެނީ މެސެޑޯނިއާ އާއި ގްރީސް ގުޅޭ ސަރަހައްދީ ރޮނގުގައި މެސެޑޯނިއާއާ އިންވެގެން އޮންނަ ގްރީސްގެ ސަރަހައްދަކަށް ވެސް މެސެޑޯނިއާ ކިޔާތީއެވެ. ނަމުގެ މައްސަލައިގައި ގްރީސްއާއި މެސެޑޯނިއާގެ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮންނަތާ 27 އަހަރުވަނީ ވެފައެވެ.