ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 16:27
ބީއެމްއެލް އިން 150،000ރ. ކެއަރ ސޮސައިޓީއަށް ހަދިޔާ ކުރުން
ބީއެމްއެލް އިން 150،000ރ. ކެއަރ ސޮސައިޓީއަށް ހަދިޔާ ކުރުން
މުހައްމަދު ޝަރުހާން
ބީއެމްއެލްގެ ފައިސާގެ އެހީ
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި
ކެއަރ ސޮސައިޓީގައި 15 ކުދިން ދަނީ ކިޔަވަމުން
ބީއެމްއެލް އިން މިއަހަރު ސީއެސްއާރަށް 300 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ

އެހީއެއް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދޭ ކެއަރ ސޮސައިޓީއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން 150،000ރ. ގެ ފައިސާގެ އެހީއެއް ދީފި އެވެ.

އަންގާރަ ދުވަހު ކެއަރ ސޮސައިޓީގައި ބޭއްވި ރަސްމިއްޔާތުގައި މިފައިސާ ހަވާލުކޮށްފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

ކެއަރ ސޮސައިޓީގެ ފަރާތުން މި ފައިސާގެ އެހީއާ ހަވާލުވެފައި ވަނީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ ނައުޝާން މުހައިމިން އެވެ.

މި އެހީއާ ގުޅޭ ގޮތުން ނައުޝާން ވިދާޅުވީ، މިފަދަ ފައިސާގެ އެހީއެއްގެ ތެރެއިން ކެއަރ ސޮސައިޓީގައި ކިޔަވާ ކުދިންނަށް ބޭނުންވާ ފޮތްތަކާއި، ކިޔެވުމަށް ބޭނުންކުރާ އިތުރު ސާމާނު ހޯދޭނެ ކަމަށެވެ. މީގެ އިތުރުން ވެސް އެ ޖަމިއްޔާގެ ވޮކޭޝަނަލް ހަރަކާތްތައް ހިންގުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން ކޭޓަރ ކުރަނީ 15 ކުދިން. އެހެން ނަމަވެސް މިހާރު ވެސް ވެއިޓްލިސްޓްގައި ލިބި ކުދިން އެސެސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން" ނައުޝާން ވިދާޅުވި އެވެ.

ކެއަރ ސޮސައިޓީން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެމުން ގެންދާ އިރު އާއްމު ގޮތެއްގައި އެންމެ ބޮޑު އިސްކަމެއް ދެނީ ތަފާތު އެކި ޑިސްއެބިލިޓީތަކުގެ އެންމެ ބޮޑަށް އަސަރުކޮށްފައި ތިބޭ ކުދިންނަށެވެ. ކެއަރ ސޮސައިޓީން ދަނީ ކިޔަވާ ދިނުމުގެ އިތުރުން ގޭގެއަށް ގޮސް ކުދިންގެ ހާލަތު ދެނެގަތުމުގެ މަސައްކަތުގެ އިތުރުން އަތޮޅުތަކުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކެއަރ ސޮސައިޓީ އަށް ހަދިޔާ ކުރި އެހީއާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ، ކެއަރ ސޮސައިޓީ އަށް ފޯރުކޮށްދިން އެހީތެރިކަމަކީ ބީއެމްއެލް މިއަހަރު ފަށާފައިވާ މުޖުތަމައުއަށް ފައިދާ ހުރި ކަންކަން ކުރުމުގެ ކެމްޕެއިންގެ ދަށުން ކުރި ކަމެއް ކަމަށެވެ. އަދި މި އެހީގެ ތެރެއިން ކެއަރ ސޮސައިޓީ އަށް މިހާރަށް ވުރެ ރަގަޅަށް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެންގެ ބޭންކް"ގެ ނަމުގައި ބީއެމްއެލް އިން މުޖުތަމައުއަށް ޚާއްސަ ކެމްޕެއިނެއް ފަށާފައިވާ އިރު މިއަހަރު 300 މިލިއަން ރުފިޔާ ސީއެސްއާރްގެ ދަށުން ޚަރަދު ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކު މުޖުތަމައަށް ފައިދާ ކުރާނެ ޚިދުމަތަކަށް އަލިއަޅުވާލާ ހަރަކާތެއް ބޭންކުން ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

ކެއަރ ސޮސައިޓީ ގައި 15 ކުދިން ކިޔަވަމުންދާ އިރު މި ކުދިންގެ ކަންކަން ބެލެހެއްޓުމުގައި 6 ޓީޗަރުން ހަރަކާތްތެރިވެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް