މިދިޔަ އަހަރު އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ޤައުމުން 18 އިންސައްތަ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާ އިންނެވެ. އެއީ 17 އިންސައްތަ މުދަލެވެ.
ރާއްޖެއިން މުދާ އެންމެ ގިނައިން މިދިޔަ އަހަރު އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށާއި ޖަރުމަންވިލާތަށެވެ. ތައިލެންޑަށް 36 އިންސައްތައިގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު ޖަރުމަންވިލާތަށް 13 އިންސައްތައިގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.
2018 ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރާ އަޅާބަލާއިރު25 އިންސައްތަ ވަނީ އިތުރުވެފައެވެ. 2017 ވަނަ އަހަރު ދިވެހިރާއްޖެއަށް 38 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރު އެ އަދަދު ވަނީ 47 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. އެހެންނަމަވެސް 2017 ވަނަ އަހަރާއި އަޅާބަލާއިރު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ 9 އިންސައްތަ ދަށަށް ގޮސްފައެވެ. 2017 ވަނަ އަހަރު ރާއްޖެއިން 3 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރު އެކްސްޕޯޓްކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައެވެ. 2017 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބުނުއިރު 2018 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.3 ބިލިއަން ރުފިޔާއެވެ.