ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ވަން ވައިދޯ އެގައުމުގެ އިންތިގާލީ ރައީސްކަމަށް ބަލައިގަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށް އެކަން އެގޮތަށް ބަލައި ނުގަންނަ ކަމަށް ތުރުކީއާއި ޗައިނާ އަދި ރަޝިއާ އިން ބުނެފިއެވެ.
އެމެރިކާއިން ވަނީ ނިކޮލަސް މަޑޫރޯއަކީ ވެނެޒުއޭލާގެ ރައީސް ކަމަށް ބަލައި ނުގަންނަ ކަމަށް ބުދަ ދުވަހު އިއުލާނުކޮށްފައެވެ.
ތުރުކީއާއި ޗައިނާ އަދި ރަޝިއާއިން ވަނީ މަޑޫރޯއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
"އަޅުގަނޑުމެން މި ތިބީ ތިބޭފުޅުންނާ އެކު" ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން މަޑޫރޯއަށް ގުޅުއްވައި ވިދާޅުވި ކަމަށް ތުރުކީގެ ރައީސްގެ ތަރުޖަމާނު އިބްރާހިމް ކާލިން ވިދާޅުވިއެވެ." އަޅުގަނޑުގެ އަޚް މަޑޫރޯ ސާބިތުކަމާ އެކު ހުންނަވާ އަޅުގަނޑުމެން މިތިބީ ތިބޭފުޅުންގެ ފަޅީގައި"
އޮރްދޮޣާން ވިދާޅުވީ ޑިމޮކްރެޓިކް އުސޫލަށް އިހްތިރާމް ކުރަންވާނެ ކަމަށެވެ.
އެ ގައުމުގައި ބޭއްވި އިންތިޚާބަށް އިޝާރާތްކުރައްވާ އޮރްދޮޣާން އެހެން ވިދާޅުވިއިރު އެ ގައުމުގެ ރިޔާސީ އިންތިޚާބަކީ އިންތިޚާބުތަކަށް ކުރި މަލާމާތެއް ކަމަށާއި އެ އިންތިޚާބު ބަލައި ނުގަންނަ ކަމަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ވަނީ ބުނެފައެވެ.
ވެނެޒުއޭލާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މި މަހުގެ ކުރީކޮޅު މަޑޫރޯ ހުވާކުރެއްވީ އެ އިންތިޚާބާ މެދު ޝަކުވާކުރަމުން ދަނިކޮށެވެ.
ތުުރުކީގެ ފޮރިން މިިނިސްޓަރ މެވްސޮތު ކަވުސޮގްލޫ ވިދާޅުވީ ވެނެޒުއޭލާގެ އިގްތިސާދަށް ނާޒުކު މައްސަލަތަކެއް ދިމާވެފައިވާއިރު ތުރުކީ އިން މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ އިގްތިސާދަށް އެހީވުމަށް ކަމަށެވެ.
ރަޝިއާ އިން ބުނެފައި ވަނީ ވެނެޒުއޭލާގެ ރައީސްއަކީ ވަން ވައިދޯ ކަމަށް ބަލައިގަތުމަކީ ގާނޫނުތައް މުގުރި ލޭއޮހޮރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
ކްރެމްލިން އިން ބުރާސްފަތި ދުވަހު ނެެރުނު ބަޔާނުގައި ބުނެފައި ވަނީ އެމެރިކާގެ އަސްކަރިއްޔާ އިން އެގަމުގެ މައްސަލައިގެ ތެރެެއަށް ވަނުމަކީ އިންތިހާއަށް ނުރައްކާ ކަމެއް ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާން ޗުންޔިންގ ޗައިނާގެ މީޑިއާތަކަށް ވިދާޅުވެފައި ވަނީ އެ ގައުމުގެ ސިޔާސަތަކީ އެހެން ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެެެއަށް ނުވަމުން ކަމަށެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ހުރިހާ ފަރާތަކުން ވާހަކަދައްކައިގެން މައްސަލައިގެ ހައްލަކަށް ދިއުމަށް ގޮވާލައްވާފައެެވެ.
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ވަން ވައިދޯވަނީ އެ ގައުމުުގެ އިންތިގާލީ ރައީސްއަކީ އޭނާ ކަމަށް ބުދަ ދުވަހު އެތައްހާސް ބަޔަކު ބައިވެރިވި އެއްވުމުގައި އިއުލާނުކުރައްވާފައެވެ.