ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ވަން ވައިދޯ އެގައުމުގެ އިންތިގާލީ ރައީސްކަމަށް ބަލައިގަންނަކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރައީސް ޓްރަމްޕް މިކަން ހާމަކުރައްވާފައިވަނީ އުމުރުފުޅުން 35 އަހަރުގެ ވައިދޯ އަމިއްލަ ފުޅަށް ވަގުތީ ލީޑަރަކީ އޭނާކަމަށް ބުދަ ދުވަހު އިއުލާނުކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
ވެނެޒުއޭލާގެ އެތައް ހާސްބަޔަކުވަނީ ރައީސް ނިކޮލަސް މަޑޫރޯއާ ދެކޮޅަށް މުޒާހަރާކުރުމަށް މަގުތަކަށް ނުކުމެފައެވެ.
ވެނެޒުއޭލާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މި މަހުގެ ކުރީކޮޅު މަޑޫރޯ ހުވާކުރެއްވީ އެ ގައުމުގެ ރިޔާސީ އިންތިޚާބަކީ އިންތިޚާބުތަކަށްކުރި މަލާމާތެއްކަމަށާއި ބަލައި ނުގަންނަކަމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ބުނެފައިވަނިކޮށެވެ.
މަޑޫރޯގެ ވެރިކަމުގައި އެ ގައުމުގެ އިގްތިސާދު ދިޔައީ ހިފެހެއްޓުމެއްނެތި ދަށަށެވެ.
އިންތިހާއަށް އިންފްލޭޝަން މައްޗަށްދިއުމާއި ކާބޯތަކެއްޗާއި އެެހެނިހެން ސާމާނު ލިބުންދަތިވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކުވަނީ ޤައުމު ދޫކޮށް ގޮސްފައެވެ.
ގައުމުގެ ވެރިކަން އިއުލާނުކުރައްވައި ވެރިރަށް ކަރާކަސްގައި ވާހާކަދައްކަވަމުން ވައިދޯ ވިދާޅުވީ "ވެނެޒުއޭލާ މިނިވަން ނުވާހާހިނދަކު އަހަރެމެން ތިބޭނީ މަގުމަތީގައި" ކަމަށެވެ.
ބުދަ ދުވަހު ކުރި މުޒާހަރާގެ ވީޑިއޯތަކުން ފެންނަގޮތުގައި މުޒާހަރާގެ ބައިވެރިން ނޭޝަނަލް ގާޑު ސެކިއުރިޓީ ފޯސަސްއާ ކުރިމަތިލުމުން ކަރުނަގޭސް ޖަަހައި ދުރަށް ޖައްސާފައިވާއިރު ވެހިކަލްތަކުގައި ހުޅުޖަހާފައިވެއެވެ.
އެ ގައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ވެރިޔާގެ މަގާމުގައިވެސް ހުންނެވި ވައިދޯ ވަނީ މީގެ ކުރިން މަޑޫރޯއަށް މަދަދުދެމުންގެންދިޔަ އަސްކަރިއްޔާއިންވެސް ސަރުކާރުގެ އަމުރަށް ކިޔަމަން ނުވުމަށް ގޮވާލާފައެވެ.
އޭނާވަނީ ވަގުތީ ސަރުކާރެއް އެކުލަވާލުމަށްފަހު މިނިވަން އިންތިޚާބެއް އެކުލަވާލައްވާނެކަމުގެ ވައުދުވެވަޑައިގެންފައެވެެ.
އިދިކޮލު ފަރާތްތަކުގެ މުޒާހަރާތައް ކުރިޔަށްދާއިރު މަޑޫރޯއަށް ތާއީދުކޮށްވެސް މުޒާހަރާތަކެއް ކުރިއެވެ.
އެކްޓިވިސްޓުންގެ ގްރޫޕަކުން ބުދަ ދުވަހުގެ ހެނދުނު ބުނެފައިވަނީ މުޒާހަރާ ފެށުނު ރޭގެ ކުރީ ރޭ 16 އަހަރުގެ ކުއްޖަކުވެސް ހިމެނޭގޮތުން ހަތަރު މީހަކު މަރާލާފައިވާކަމަށެވެ.
ބުދަ ދުވަހު ނެރުއްވާފައިވާ ބަޔާނުގައި ޓްރަމްޕް ސިަފަކުރައްވާފައިވަނީ މަޑޫރޯގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެެއްކަމަށެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ސައްޙަ ފަޅިއަކީ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވައިދޯގެ ސަރުކާރުކަމަށެވެ.