މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުން ރޭޕްގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ފްރާންސްގެ ޖުޑިޝަރީއާ ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ މަޝްހޫރު ލަވަކިއުންތެރިޔާ ކްރިސް ބްރައުން ފްރާންސްގެ ވެރިރަށް ޕެރިހުން ހައްޔަރުކޮށްފައި ވަނީ ގަދަކަމުން އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ އިތުރުން ޑްރަގްގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
މި މައްސަލާގައި ކްރިސްގެ އިތުރުން ކާކުކަން ނޭނގޭ ދެ މީހުން ހައްޔަރު ކޮށްފައިވާއިރު މިކަމާ ބެހޭ ގޮތުން ޕެރިހުގައި ހުންނަ ޔޫއެސް އެމްބަސީން ވަކި އެއްޗެއް ހާމަކުރަން ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ކުރިން ވެސް ވަނީ ގާނޫނީ އެތައް ކުށެއް ކޮށްފައެވެ. އެގޮތުން 2009 ވަނަ އަހަރު އޭނާގެ ކުރީގެ ލޯބިވެރިޔާ ރިހާނާ އަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 5 އަހަރު ދުވަހު ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް ކޯޓުން ވަނީ އޭނާގެ މައްޗަށް އަމުރުކޮށްފައެވެ.
މީގެ އިތުރުން 2004 ވަނަ އަހަރުގެ ޖުލައި މަހު ފްލޮރިޑާގެ ވެސްޓްޕާމް ބީޗްގައި އޮތް ކޮންސެޓެއްގައި އޭނާގެ ހުއްދަނެތި ފޮޓޯއެއް ނެގުމުން ފޮޓޯ ނެގި މީހާގެ ގައިގައި ޖެހުމުން އޭނާ ހައްޔަރު ކުރިއެވެ.
ވޮޝިންޓަން ޑީސީ ހޮޓަލެއްގައި 2013 ވަނަ އަހަރު ވެސް ހިންގި ހަމަނުޖެހުމެއްގައި ކްރިސް ހައްޔަރުކޮށްފައި ވާއިރު އެ އަހަރުގެ ފަހުކޮޅުގައި އޭނާގެ މަންމަގެ ކާރުގެ ސްކްރީން ތަޅާލި މައްސަލައިގައި ރީހެބް ޕްރޮގްރާމް ހިންގުމަށް ކޯޓުން ވަނީ އޭނާގެ މައްޗަށް އަމުރު ކޮށްފައެވެ.
2014 ވަނަ އަހަރުގެ މޭ މަހު މި ޕްރޮގްރާމް ފުރިހަމަކުރުމުގެ ތެރޭގައި ވެސް ހަމަނުޖެހުން ހިންގައިގެން ރިހެބުން ވެސް އޭނާ ވަނީ ބޭރުކޮށްލާފައެވެ. އޭގެ ތިންމަސް ފަހުން ވޮޝިންޓަންގައި މާރާމާރީ ހިންގުމުގެ ސަބަބުން އެއް ދުވަހަށް ޖަލަށްލާ 150 ޑޮލަރުން ޖޫރިމަނާ ކުރިއެވެ