މިދިޔަ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ވަތް ތަނާ މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ތަހުގީގު ކުރުމަށް ޕްލޭން ކުރަމުންދާ ކަމަށް ތުރުކީއިން ބުނެފިއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ކަވުސުގްލޫ ވިދާޅުވީ ބައެއް ހުޅަނގުގެ ގައުމުތަކުން ޚަޝޯގީގެ މަރު ފޮރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ތުރުކީން ބޭނުންވަނީ ޚަޝޯގީގެ މަރުގެ ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ތަހުގީގެއް ކުރުމަށް ކަމަށާއި އެކަމުގެ ތައްޔާރީތައް ވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"ހުޅަނގުގެ ބައެއް ގައުމުތަކުން ޚަޝޯގީގެ މަރު ފޮރުވުމަށް ދަނީ މަސައްކަތް ކުރަމުން. އޭގެ ސަބަބު ވެސް އެނގޭ. އަހަރެމެންނަށް އެނގޭ ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔާ މީހުންވެސް ފައިސާއަށް މި މައްސަލަ އޮއްބާލަން މަސައްކަތް ކުރަމުންދާކަން،" މެވްލުތު ކަވުސުގްލޫ ވިދާޅުވިއެވެ.
ތުރުކީއިން މީގެ ކުރިން ބުނެފައިވަނީ ޚަޝޯގީގެ މަރުގެ ތަހުގީގަށް ސައުދީއިން އެކަށީގެންވާ އެއްބާރުލުމެއް ދީފައި ނުވާކަމަށެވެ. ސައުދީން އެކަން ދޮގުކުރާއިރު ޚަޝޯގީ މަރާލުމުގެ ތުހުމަތުތައް ކުރެވޭ މީހުންގެ ޝަރީއަތްތައް އެގައުމުން މިހާރު ވަނީ ފަށާފައެވެ. އޭގެތެރެއިން ފަސް މީހަކަށް މަރުގެ ހުކުމް ވަނީ އިއްވާފައެވެ. ސައުދީން ގެންދާކަމަށް ބުނާ ތަހުގީގުތަކާއި ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ސައުދީ އަރަބިއްޔާއިން ފޯރުކޮށްދީފައި ނުވާކަމަށް ތުރުކީއިން ވަނީ ބުނެފައެވެ.
ތުރުކީން ބުނަމުން އަންނަނީ ޚަޝޯގީ މަރާލުމަށް އަންގާފައިވަނީ ސައުދީގެ މަތީ ފަންތީގެ ބައެއްގެ އަމުރަށް ކަމަށެވެ. ޚަޝޯގީގެ މަރުގެ ތުހުމަތުތައް ކުރެވެނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އަމާޒުވި ކަމުގައި ވިއަސް ސައުދީއިން އެކަން ދޮގުކުރެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މައްސަލަ ބެލުމަށް ތުރުކީވިލާތުން ތައްޔާރުވަމުން އަންނައިރު ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ސައުދީ އިން އިއުތިރާފުވެއެވެ.
ޚަޝޯގީ މަރާލިއިރު އޭނާ މަސައްކަތް ކުރަމުން އައީ އެމެރިކާގެ ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓުގައެވެ.