ސްރީލަންކާގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލު ކަމަށްވާ ނަވަލޯކާ ހޮސްޕިޓަލުން އައްޑޫގައި ހުންނަ އައިއެމްޑީސީ ހޮސްޕިޓަލުގައި ޚިދުމަތް ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ސިމްޑީގެ ހެޑް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އައިއެމްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އައިއެމްޑީސީ އަދި ސިމްޑީ ގްރޫޕް އޮފް ކޮމްޕެނީސްގެ ސީއީއޯ ޑރ.މަރިޔަމް ޝަކީލާއެވެ. އަދި ނަވަލޯކާ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ ނަވަލޯކާ ގްރޫޕުގެ ހެޑް އޮފް ފިނޭންސް އެންޑް ކޯޕަރޭޓް ޕްލޭނިންގ މެނޭޖަރ ނަލަކާ ނިރޯޝަނާއެވެ.
މި އެއްބަސްވުމުގެ ދަށުން އައްޑޫގައި ހުންނަ އައިއެމްޑީސީ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުން ނަވަލޯކާގެ ތަޖުރިބާކާރު ޑޮކްޓަރުން ޚިދުމަތްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޝަކީލާ ވިދާޅުވިއެވެ.
"މި އެގްރީމަންޓުގެ ދަށުން އެބޭފުޅުންގެ ސްޕެޝަލިސްޓުން ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި އައްޑޫއަށް ދަތުރުކޮށް އައިއެމްޑީސީގަ ޕޭޝަންޓުން ބަލާ، އަދި ހަމައެއާއެކު ވަޑައިގަންނަވާ ބޭފުޅުން ކޮންސަލްޓެންޓުންނަށް ހައްލު ނުކުރެވޭ ކަހަލަ ބައްޔެއް ހުރިނަމަ އެކަން ހައްލުކުރުމަށްޓަކައި ނަވަލޯކާއަށް އަޅުގަނޑުމެން ފޮނުވާގޮތަށް މި އެގްރީމަންޓުގައި ހިމެނިފަވާނެ. އޭގެ ތެރޭގައި މިހާރު އައްޑޫން ޚިދުމަތް ލިބެން ނެތް ދާއިރާތަކަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެވޭނެ" ޝަކީލާ ވިދާޅުވިއެވެ.
ޝަކީލާ ވިދާޅުވީ، ނިއުރޯ ސާރޖަރީ ފަދަ ދާއިރާތަކަށް އަހަންމިއްޔަތުކަން ދޭނެ ކަމަށާއި، ބަލިމީހާގެ ސިއްހީ ހާލަތަށް ބަލައި ނަވަލޯކާ ހޮސްޕިޓަލަށް ގެންދިއުމުގެ ކަންކަންވެސް އައްޑޫ އައިއެމްޑީސީ މެދުވެރިކޮށް ހަމަޖައްސާނެ ކަމަށެވެ.
މި އެމްއޯޔޫގެ މުއްދަތަކީ އެއް އަހަރު ކަމަށާއި، އޭގެ ފަހުންވެސް ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އެއްބަސްވުން ކުރިއަށް ގެންދެވޭނެ ކަމަށް ޝަކީލާ ވިދާޅުވިއެވެ.
ނަވަލޯކާ ހޮސްޕިޓަލަކީ ސްރީލަންކާގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޮޑު ޕްރައިވެޓް ހޮސްޕިޓަލް ކަމަށާއި، އައިއެމްޑީސީއާ ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ގެނައުމަކީ އެންމެ މުހިއްމު އެއް އަމާޒުކަމަށް ނަވަލޯކާގެ ފަރާތުން ނަލަކާ ނިރޯޝަނާ ވިދާޅުވިއެވެ.