މެސެޑޯނިއާގެ ނަންް ބަދަލުކުރުމާއިބެހޭ ގޮތުން އެ ގައުމާއެކު ވީ އެއްބަސްވުމާ ދެކޮޅު ހެދުމަށް ގްރީސްގެ ވެރިރަށް އެތެންސްގައި ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާދެމެދު ކުރިމަތިލުން ހިނގައިފިއެވެ.
އެކި ސިޓީތަކުން އެތައް ހާސް ބަޔަކު ޖަމާވެ ކުރިޔަށްގެންދިޔަ އެއްވުމުގައި ފުލުހުން ވަނީ އެއްވުމުގެ ބައެއް ބައިވެރިންގެ ގަޔަށް ކަރުނަގޭސް ޖަހާފައެވެ.
އަދި މިހާތަނަށް ރުހުން ލިބިފައި ނުވާ އެއްބަސްވުމުގައިވާ ގޮތުން ގްރީސްގެ އަވަށްޓެރި މެސެޑޯނިއާއަށް ދެން މުޚާތަބު ކުރެވޭނީ ރިޕަބްލިކް އޮފް ނޯތު މެސެޑޯނިއާއެވެ.
ބޯލްކަންގެ ގައުމެއް ކަމަށްވާ މެސެޑޯނިއާއަށް އެނަން ކިޔުމަށް ގްރީސްއިން ނުރުހެނީ މެސެޑޯނިއާ އާއި ގްރީސް ގުޅޭ ސަރަހައްދީ ރޮނގުގައި މެސެޑޯނިއާ އާއި އިންވެގެން އޮންނަ ގްރީސްގެ ސަރަހައްދަކަށް ވެސް މެސެޑޯނިއާ ކިޔާތީއެވެ.
ނަމުގެ މައްސަލައިގައި ގްރީސްއާއި މެސެޑޯނިއާގެ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮންނަތާ 27 އަހަރުވަނީ ވެފައެވެ.
ފާއިތުވި 28 ވަރަކަށް އަހަރު މިމައްސަލައަށް ހައްލެއް ގެނެވޭތޯ އދ މެދުވެރިވެގެން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.
މެސެޑޯނިއާއަކީ ކުރީގެ ޔޫގޯސްލާވިއާ ދައުލަތުގެ ދަށުގައި އޮތް ޤައުމެކެވެ. ޔޫގޯސްލާވިއާ ރޫޅި، މެސެޑޯނިއާއަށް މިނިވަންކަން ލިބުމަށް ފަހު އެޤައުމަށް ރަސްމީކޮށް ކިޔަމުން އައި ނަމަކީ 'ފޯމަރ ޔޫގޯސްލާވް ރިޕަބްލިކް އޮފް މެސެޑޯނިއާ" (އެފް.ވައި.އާރް.އޯ.އެމް) އެވެ.
އެތައް އަހަރެއްވީ މި މައްސަލައަށް ހައްލެއް ލިބިގެންދިޔައީ ގްރީސްގެ ވާތުފިޔައިގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރަސްއާއި މެސެޑޯނިއާގެ ބޮޑުވަޒީރާއެެކު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.
މިވަގުތު މެސެޑޯނިއާގައި ވެސް އަދި ގްރީސްގައިވެސް ވެރިކަން ކުރަމުން އަންނަނީ ވަތަނީ ޕާޓީތަކުންނެއް ނޫނެވެ. ވާތުފިޔައިގެ ޕާޓީތަކުން ދެޤައުމުގައި ވެސް ވެރިކަން ކުރަމުން އަންނައިރު، ކަނާތު ފިޔައިގެ ޕާޓީތަކަށް މިއީ ބަލައިގަންނަން ފަސޭހަ ނިންމުމަކަށް ނުވެއެވެ.
ދެ ގައުމުގެ މެދުގައިވެފައިވާ އެއްބަސްވުމަށް ގާނޫނުހަދާ މަޖިލީހުގައި މިހަފްތާގައި ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.
ސްކޮޕިޔޭ އާއި އެތެންސްއާއި ދެމެދު 2018ވަނަ އަހަރުގެ ޖޫން މަހު ވީ ތާރީޚީ އެއްބަސްވުމުގައި މެސެޑޯނިއައިން ވަނީ އެ ގައުމުގެ ނަން "ރިޕަބްލިކް އޮފް ނޮދަރން މެސެޑޯނިއާ" އަށް ބަދަލު ކުރުމަށް ނިންމާފައެވެ.
އެކަމަށް ފެނޭތޯ ބެލުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 19ވަނަ ދުވަހު ނެގި ވޯޓުގައި 120 މެމްބަރުންގެ ތެރެއިން 80 މެމްބަރަކު ނަން ބަދަލު ކުރުމަށް ތާއީދުކޮށް ވޯޓް ދެއްވާފައިވެއެވެ.