ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލީހުގެ ޕްރައިމަރީ އިންތިޚާބު ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަކަށް އެމަނިކުފާނާ ގުޅުއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި އަހަރުގެ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީން ނަގަން ޖެހޭނެ ކަމީ އެއްވެސް ރައްޔިތަކަށް އޮޅިފައި އޮތް ކަމެއް ނޫން ކަމަށާއި، އެންމެންގެ މަސައްކަތުން ކާމިޔާބު ކުރާނެ ކަމަށެވެ.
އެމްޑީޕީ ހަރުގެ ކައިރީގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޕާޓީ އޮތީ އިންތިޚާބަށް ތައްޔާރުވެފައި ކަމަށާއި، ނާކާމިޔާބުވި ކެންޑިޑޭޓުން ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާ އެކު މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ ނާކާބިޔާބުވި ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ކެމްޕޭން ކުރިއަށް ގެންދިޔަ ޓީމުން ވީ އެންމެ އަވަހަކަށް އެމަނިކުފާނާ ގުޅުއްވުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއިންތިޚާބު ކާމިޔާބުވާނީ ސަރުކާރުން ހިންގަވާ ފުރިހަމަ މަސައްކަތްތަކާއި ވައުދު ފުއްދަވަމުން ގެންދަވާ މިންވަރާއި އަދި އަޅުގަނޑުމެންގެ ޕާޓީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދޭ އުންމީދާ މިއެންމެ ކަންކަން އެކުވެގެން އަޅުގަނޑުމެންނަށް އިރާދަކުއްވިއްޔާ މިއިންތިޚާބު ކާމިޔާބު ކުރެއްވޭނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއަހަރުގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް އެޕާޓީގެ މެންބަރުން ގުޅިގެން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާއްދަކުރައްވައި ނަޝީދު ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓް ކާމިޔާބުކުރައްވާފައެވެ. އެމަނިކުފާނާ ވާދަކުރި އައިޝަތު އަލައިކާ ވެސް ވަނީ ޖަލްސާގައި ނަޝީދަށް ތައުރީފްކޮށްފައެވެ. އަލައިކާ ބުނީ އޭނާ ޕްރައިމަރީގައި ވާދަކުރީ ރައީސް ނަޝީދާއި އެމްޑީޕީ ތަޖުރިބާ ކޮށްލުމަށް ކަމަށާއި މި ޕްރައިމަރީއަކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ. އޭނާ ވަނީ ނަޝީދަށް މަޖިލީހުގައި ވާދަނުކުރެއްވޭ ގޮތް ހެދުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ހުށައަޅުއްވާފައިވާ އިސްލާހަށް ވެސް ފާޑު ކިޔާފައެވެ. އަލައިކާ ބުނީ ނަޝީދަށް ވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. އަދި އެންމެން ގުޅިގެން ނަޝީދަށް ގޮނޑި ކާމިޔާބުކޮށްދިނުމަށް އޭނާ ގޮވައިލިއެވެ.