ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނާއި، މުދާލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމާއި ބެހޭ ޤާނޫނުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީ ކުރަން ނުޖެހޭ ފަރާތްތަކާއި، މިހާރު ވިޔަފާރި ނުކުރާ ކުންފުނިތައް މީރާގެ ރަޖިސްޓްރީގައި ހިމެނޭތީ، އެފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރުމަށް އެ އޮތޯރިޓީން ނިންމައިފިއެވެ.
މީރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރި ކަމުގައި ވިޔަސް، ޓެކްސް ބަޔާން ހުށަހެޅުން ފަދަ ޓެކުހާ ގުލޭ އިންތިޒާމްތައް ޤަވައިދުން ފުރިހަމަ ނުކުރުމަކީ ޤާނޫނުގެ ދަށުން ޖޫރިމަނާވާ ކަމަކަށް ވާތީ، ވިޔަފާރިކުރާ އަމިއްލަ ފަރުދުން ރަޖިސްޓްރީ ކުރުމާއި، ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި، ކުދި ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމާއި، އޯޑިޓް ކުރުމުގައި ބޮޑެތި ލުއިތަކެއް 2017 ވަނަ އަހަރުގެ ތެރޭގައި ދެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ އިންތިޒާމްތައް އަދާނުކުރެވިގެން ކުދި ވިޔަފާރިތަކަށް އެކިއެކި ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން، ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނާއި، މުދާލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމާއި ބެހޭ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ކުރުމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުން ރަޖިސްޓްރީން އުނިކުރުމަށް މީރާއަށް ހުށަހެލުމަށް އެ އޮތޯރިޓީން ވަނި އެދިފައެވެ.
އެ އޮތޯރިޓީން ބުނީ އެކަމަށްތަކައި ހުށަހަޅަންޖެހޭ ފޯމު އެ އޮޓޯރިޓީގެ އޮފީސްތަކުންނާއި އެ އޮޓޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.